ޚަބަރު

ޔަހޫދީންގެ ޙަމަލާތައް ވަރުގަދަކޮށް ޚިދުމަތް ނުދެވޭ ވަރަށް ޣައްޒާ ސިޓީގެ ދެ ހަަސްފަތާލަކަށް ގެއްލުން ދީފި


ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ވަރުގަދަކުރުމާ ގުޅިގެން ފަލަސްޠީނުގެ ޣައްޒާ ސިޓީގެ ދެ ހަސްފަތާލަކުން ޚިދުމަތް ދިނުން އެއްކޮށް ހުއްޓިފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.

މުޅި ޣައްޒާ އިސްތިޢުމާރު ކުރުމުގެ މަޤްސަދުގައި ޔަހޫދީން ދަނީ ޣައްޒާ ސިޓީއިން ފަލަސްޠީނުގެ ރައްޔިތުން ފޭބުމަށް މަޖުބޫރުކުރުވުމަށް އެ ސަރަޙައްދަށް އެއްގަމު މަގުންނާއި ވައިގެ މަގުން ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އެ ޙަމަލާތަކުގެ ސަބަބުން ޣައްޒާ ސިޓީގައި ހުންނަ އަލް-ރަންތިސީ ޗިލްޑްރެންސް ހޮސްޕިޓަލްއަށް ބޮޑެތި ގެއްލުންތައް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ލިބިފައެވެ. އޭގެ ސަބަބުން އެ ހަސްފަތާލުގެ ޚިދުމަތްތައް ހުއްޓިފައިވާއިރު، ޣައްޒާ ސިޓީގެ އައި ހޮސްޕިޓަލަށް ލިބުނު ގެއްލުންތަކުގައި އެ ހަސްފަތާލުގެ ޚިދުމަތްތައް ވެސް ވަނީ މެދުކެނޑިފައެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ޔަހޫދީން ރާވައިގެން އަދި ގަސްތުގައި ޣައްޒާގެ ޞިއްޙީ ނިޒާމަށް ޙަމަލާ ދެމުންދާ ކަމަށެވެ. އެއީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިންގާ ޢަމަލެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އެއްވެސް ހަސްފަތާލަކަށް ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނަށް ދެވޭނެ ރައްކާތެރި މަގެއް ނެތް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

2023ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 65،000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އެ ސަހަރުގެ އިމާރާތްތައް ސުންނާފަތިކޮށް ބިމާހަމަކުރަމުންދާއިރު ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ވެސް ޔަހޫދީން ދަނީ ވަރަށް ބޮޑަށް ދަތިކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޣައްޒާގެ އާބާދީ ވަނީ ބަނޑަށް ޖެހި ބަލިކަށިވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީންގެ ޙަމަލާތަކުގައި 25އަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެެވެ. އޭގެ ތެރެއިން ގިނަ މީހުން ޝަހީދުވެފައި ވަނީ ޣައްޒާ ސިޓީގައެވެ.