ވިޔަފާރި

ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ


މިއަހަރުގެ ޖުލައިމަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 9.4 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް މިދިޔަ މަހު 1.35 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. މިއާއެކު މި އަހަރުގެ ނިޔަލަށް ބަލައިގަތް އާމްދަނީގެ އަދަދު ވަނީ 9.28 ބިލިއަން ރުފިޔާއަށް އަރާފައެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ބަލައިގަތް ޢާމްދަނީއާ އަޅާބަލާއިރު 17.2 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއީ ކުރިން ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާ އަޅާބަލާއިރު 32 އިންސައްތައިގެ ދަށްވުމެކެވެ.

މީރާއިން ވިދާޅުވިގޮތުގައި މިބަދަލު އައުމުގެ މައިގަނޑު ސަބަބަކީ މިއަހަރުގެ ދެވަނަ ކުއާޓަރގެ ޖީއެސްޓީއާއި ޖޫން މަހުގެ ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއަށް ބަދަލު ގެންނެވުމުންނެވެ. މީގެ އިތުރުން ބީޕީޓީގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ސުންގަޑި ކަމުގައިވާ 31 ޖުލައި ބަންދު ދުވަހަކާއި ދިމާވުމާ ގުޅިގެން އެ ފައިސާ ދެއްކުން މިމަހުގެ އެއްވަނަ ދުވަހަށް ލަސްކުރުމަކީވެސް މިކަމުގެ ސަބަބެއްކަމަށް މީރާއިން ވިދާޅުވެއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައިމަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ، ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީއެވެ. އެއީ ޖުމްލަ ޢާމްދަނީގެ 53.7 އިންސައްތައެވެ.