ޚަބަރު

ކޮންޓެއިނަރ ބަހައްޓަން ތިލަފުށީގައި އެމްޕީއެލުން ހެދި ސަރަހައްދު ބޭނުންކުރަން ފަށައިފި


  • އެމަސައްކަތް ކޮށްފައި ވަނީ ދެ ފިޔަވައްސަށް ބަހާލައިގެން

  • މިއީ 2400 ކޮންޓެއިނަރުގެ ޖާގައިގެ ތަނެއް

ތިލަފުށީގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލުން ހަދާފައިވާ ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ އޮޕަރޭޝަންސްތަކުގައި ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް، އެމްޕީއެލުން ވިދާޅުވީ ޖުމްލަ 2400 ޓީ.އީ.ޔޫގެ މިޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ ބަނދަރުގެ އޮޕަރޭޝަނަށް ދިމާވެފައިވާ މައްސަލަތަކަށް ލުއި ލިބިގެންދާނެކަމަށެވެ.

މި މަސައްކަތް އެކުންފުނިން ކޮށްފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި މިއީ މުދާ ކްލިއަރ ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ލިބޭނެ ފަސޭހައެއް ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

އެކުންފުނިން ދަނީ ތިލަފުއްޓަށް މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެކުންފުނީގެ ކޮންޓެއިނަރ ޑީޕޯ ތަރައްޤީކުރަނީ ތިލަފުށީގައި ވިޔަފާރި ބަނދަރު ތަރައްޤީކުރާ ސަރަހައްދާ އިންވެގެންނެވެ.

ތިލަފުށީގައި ޤާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގައި 60 މީޓަރު ކީވޯލެއް ތަރައްޤީކޮށް، އެ ސަރަހައްދުގެ ބިން އެއްވަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާ ހަވާލުކޮށްގެނެވެ.

އެ މަސައްކަތަށްފަހު، އެ ޑީޕޯގައި އޮޕަރޭޝަންސްގައި ބޭނުންކުރެވޭ ފެންވަރަށް ގެންދިއުމަށް އެމް.ޕީ.އެލްގެ ޓީމުތަކުންވެސް ގިނަ މަސައްކަތްތަކެއް ކުރިކަން އެ ކުންފުނިން ފާހަގަ ކުރިއެވެ.