ޚަބަރު

ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށައެޅި އިސްލާހު ބަލައިގެންފި


ރަށުކައުންސިލަށާއި، އަތޮޅު ކައުންސިލަށް އިންތިޚާބުކުރަންޖެހޭ މެމްބަރުންގެ ޢަދަދު މަދުކުރުމަށް ޤަނޫނަށް ހުށައެޅުއްވި އިޞްލާޙު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް މި އިޞްލާޙު ހުށައެޅުއްވީ ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިންއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ ޤާނޫނުގައި މިހާރު އޮންނަނީ، 10،000 މީހުނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 9 މެމްބަރުންކަމަށެވެ. އަދި ޏ.ފުވައްމުލަކުގެ ކޮންމެ އަވަށެއްގައި ހިމެނޭ ރަށު ކައުންސިލަށް އިންތިޚާބުކުރަންޖެހޭނީ 3 މެމްބަރުންކަމަށެވެ.ކައުންސިލްތަކުގެ މެމްބަރުންގެ ޢަދަދު މަދުކުރުމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގައި ވަނީ، 3000 މީހުންނަށްވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެމްބަރުންކަމަށެވެ. އަދި 3000 މީހުނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 5 މެމްބަރުންކަމަށެވެ.

އަތޮޅު ކައުންސިލަށް އިންތިޚާބުކުރަންޖެހޭ މެމްބަރުންގެ ޢަދަދު މަދުކުރެއްވުމަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ، އިންތިޚާބީ ދެ ދާއިރާއަށްވުރެ ގިނަ އިންތިޚާބީ ދާއިރާ ހިމެނޭ ދާއިރާތަކުގެ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ ކޮންމެ ދާއިރާއަކުން އެއް މެމްބަރުންކަމަށެވެ. އަދި ދެ އިންތިޚާބީ ދާއިރާ ހިމެނޭ އަތޮޅު ކައުންސިލަށް އިންތިޚާބުކުރާނީ މުޅި އަތޮޅުން 3 މެމްބަރުންކަމަށެވެ.

މި ބިލަށް ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވިދާޅުވީ، ކައުންސިލްތަކުގެ މެމްބަރުންގެ ޢަދަދު މަދުކުރަންޖެހެނީ ރާއްޖޭގެ އާބާދީއާ އެކަށީގެންވާ ޢަދަދަށްވުރެ ބޮޑެތި ކައުންސިލްތަކެއް އުފެދިފައިވުމުންކަމަށެވެ.

މި ބިލާގުޅޭގޮތުން ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއް ދިނުމަށް ކައުންސިލްތަކަށް ގޮވާލައްވާފައެވެ.