ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެންފި


  • މިއީ ރައީސުލްޖުމްހޫރިއްޔާ މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ 14 ވަަނަ މަންޒިލް

  • ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މުލަކަތޮޅު މަޑުއްވަރީއަށް ވަޑައިގެންފިއެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މ. އަތޮޅަކީ ރައީސް ވަޑައިގެންނެވި 3 ވަނަ އަތޮޅެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މ. މަޑުއްވަރީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.

މަޑުއްވަރީއަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި 14 ވަނަ ރަށެވެ. އަދި މިއަދު ވަޑައިގެންނެވި 2 ވަނަ ރަށެވެ.

މަޑުއްވަރީއަކީ ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސްގެ މިދަތުރުފުޅުގެ ތެރެއިން މަޑުއްވަރީގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރ އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.