ޚަބަރު

3 ޤައުމަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުން ރާއްޖެއިން މަރުހަބާ ކިޔައިފި


  • ފަލަސްޠީނުގެ ދައުލަތް ބަލައިގަނެފައިވަނީ އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ކެނެޑާއިން

  • އިތުރު ޤައުމުތަކުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ރައްޖެއިން ވަނީ ގޮވާލާފައި

އިންގިރޭސިވިލާތް ހިމެނޭހެން 3 ޤައުމަކުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ނިންމުމުން ދިވެހިރާއްޖެއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވީ އިނގިރޭސިވިލާތާއި، ކެނެޑާ އަދި އޮސްޓްރޭލިއާއިން ރަސްމީކޮށް ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމުން އެކަމަށް މަރުހަބާ ކިޔާކަމަށެވެ. އަދި މިއީ މި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ރައްކާތެރިކަން ކަށަވަރުކޮށްދިނުމާމެދު ޤައުމުތަކުގެ މެދުގައި ޚިޔާލު އެއްގޮތްކަން ހާމަވާކަމަށްވެސް ސަރުކާރުގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ ބަޔާން ނިންމާލާފައިވަނީ މިހާތަނަށް ފަލަސްޠީނުގެ ދައުލަތް ބަލައިގަނެފައިވާ ނުވާ ޤައުމުތަކުންވެސް އެ ޤައުމުގެ ރައްޔިތުންގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދިނުމަށް ގޮވާލަމުންނެވެ.

އދ. އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ބައްދަލުވުންތައް މިހާރު ފެށިފައިވާއިރު، ހުޅަނގުގެ ބައެއް ޤައުމުތަކުން ވަނީ ފަލަސްޠީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާންކޮށްފައެވެ.