ޚަބަރު

ތަޢުލީމީ ސެޓްފިކެޓްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް އެމްކިޔުއޭއިން ޕޯޓަލެއް ޤާއިމްކުރަނީ


  • ޕޯޓަލް ޤާއިމްކުރުމަށް ފަންޑު ލިބިފައިވާކަމަށް ވިދާޅުވި

  • ޕޯޓަލުން ވަޒީފާއަށް ހުށައަޅާ މީހުންގެ ސެޓްފިކެޓްތަކުގެ އަސްލު ބަލާލެވޭނެކަމަށް ވިދާޅުވި

ތަޢުލީމީ ސެޓްފިކެޓްތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޕޯޓަލެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވެއްޖެއެވެ.

އެމްކިއުއޭގެ ސީއީއޯ މިހެން ވިދާޅުވެފައިވަނީ، ފޯޖު ސެޓިފިކެޓްތަކުގެ އެތައް މައްސަލައެއް ފެންމަތިވަމުންދާ ދަނޑިވަޅެއްގައެވެ.

ފޯޖު ސެޓިފިކެޓްތަކުގެ މައްސަލަ ހައްލުކުރުމަށްޓަަކައި އެމްކިއުއޭއިން މިހާރު ވަނީ ރާއްޖޭގައި ޤާއިމްވެފައި ހުރި ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން، އެތަނަކުން ދޫކޮށްފައިވާ ލިޔުމެއްގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ނުޖެހޭނެގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އަދި މީގެފަހުން އެމްކިއުއޭއިން ދޫކުރާ އެއްވެސް ލިޔުމެއްގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހާނީ އެމްކިއުއޭއިން އެކަނިކަމަށްވެސް އުސޫލުގައިވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވީ، މި އުސޫލާއެކު އެ އިދާރާއިން ދޫކުރާ ލިޔުންތަކުގައި އިތުރު ފަރާތެއްގެ އެޓެސްޓޭޝަން ހޯދުމަކާ ނުލާ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް ހުށަހެޅޭނެކަމަށެވެ. އަދި މި އުސޫލު އެކުލަވާލުމުގެ މައިގަނޑު މަޤްސަދަކީވެސް ފޯޖު ސެޓިފިކެޓްތަކުގެ މައްސަލަތައް ހައްލުކުރުންކަމަށް ވިދާޅުވިއެވެ.

"ފޯޖު ސަނަދު ބޭނުންކޮށްގެން ވަޒީފާގަ މިހާރުވެސް އެބަތިބި މީހުން. އެކަން މިހާރު މި ފާހަގަވަނީ އަސްލު. މިއީ އަސްލު އަޅުގަނޑުމެން އެޓެސްޓޭޝަން ޤަވައިދު ހަދަން ޖެހުނު މައިގަނޑު ސަބަބަކީވެސް. ކޮންމެވެސް ވަރަކަށް (ފޯޖު ސެޓިފިކޭޝަން) މިނިމައިޒްކުރުމަށް. މި މައްސަލަ އެއްކޮށް ހުއްޓާލެވޭނީ ޕޯޓަލެއް އައިސްގެން" އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ، ވަޒީފާ ހޯދުމަށް ވަގު ސެޓްފިކެޓް ހުށައަޅާ މައްސަލައަށް އެދެވޭ ހައްލެއް ގެނައުމަށް ސެޓްފިކެޓްތައް ވެރިފައި ކުރެވޭނެ ޕޯޓަލެއް ޤާއިމްކުރުމަށްޓަކައި އެންސީއައިޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި ޕޯޓަލް ޤާއިމްކުރުމަށް ފަންޑު ލިބިފައިވާކަމަށްވެސް ފިޒާނާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަަކަށް ފަންޑިންވެސް ލިބިގެން މަސައްކަތްތަކެއް ފެށިފަވަނީ. އެގޮތުން ޕޯޓަލްގެ މޭޖަރ ފަންގްޝަންސްގެ މަސައްކަތްތައްވެސް މިހާރު ނިމިފަވަނީ ޑިވެލޮޕްކުރުމަށްޓަަކައި. ދެން އަޅުގަނޑުމެންނަށް ފަންޑިންތައް ލިބޭ މިންވަރަކުން މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުންދާނަން." އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު ވިދާޅުވިއެވެ.

ފިޒާނާ ވިދާޅުވީ، މި ޕޯޓަލް ޤާއިމްކުރުމުން ވަޒީފާއަށް ހުށައަޅާ މީހުންގެ ސެޓްފިކެތްތަކުގެ އަސްލު ވަޒިފާ ދޭ ފަރާތްތަކަށް ފަސޭހައިން ބަލާލެވޭނެކަމަށެވެ. އަދި މަތީ ތަޢުލީމު ދޭ މަރުކަޒުތަކަށްވެސް މި ޕޯޓަލްއަށް ޑޭޓާތައް އެންޓަރ ކުރުމުގެ ފުރުސަތު ލިބޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ޕޯޓަލްގެ ސަބަބުން ރާއްޖޭގައި މިހާތަނަށް މަތީ ތަޢުލީމަށް ކިޔަވާފައި ތިބި ދަރިވަރުންގެ ޢަދަދާއި އެކުދިން ކިޔެވި ދާއިރާތައްވެސް ބަލާލެވޭނެކަމަށް ފިޒާނާ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ވަގު ސެޓްފިކެޓް ވިއްކުމުގެ 8 މައްސަލައައެއް ފުލުހުންގެ ޚިދުމަތަށް ހުށައަޅާފައިވެއެވެ. އަދި އަސްލާ އެއްގޮތް ވާގޮތަށް ތައްގަނޑު ޖެހުމުގެ ކަންކަން ޕްރިންޓްކުރާ ތަންތަނުންނާއި އެކަމުގެ ހުއްދަ ނެތް ފަރާތްތަކުން ކުރަމުން އަންނަކަންވެސް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.