ޚަބަރު

ފުލުހުންގެ ކަސްޓަމަރ ރިލޭޝަންސް ރިފްރެޝަރ ޕްރޮގްރާމް ފެށުން


ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންނާއި ވީހާ ކައިރިން ލިބޭ އަދި ރައްޔިތުން އެދޭ ޚިދުމަތެއްގެ ގޮތުގައި ބައްޓަން ކުރެއްވުމަށް ފުލުހުންނަށް ކަސްޓަމަރ ރިލޭޝަންސް ރިފްރެޝަރ ޕްރޮގްރާމެއް ފަށްޓަވައިފިއެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފުލުހުންގެ ބަސްމަގު ހުންނަ ގޮތާއި ޚިދުމަތުގެ ޢަމަލުތައް ހުންނަ ގޮތާ ބެހޭގޮތުން ރައްޔިތުން ކަންބޮޑުވާ ކަންބޮޑުވުން ތަކަށާއި އެކަމާ ގުޅޭގޮތުން ރައްޔިތުން ފާޅުކުރާ ހިތްހަމަނުޖެހުމުގެ ޝުޢޫރުތަކަށް ޙައްލެއް ހޯއްދަވައި ދެއްވޭގޮތަށް ފަރުމާކުރައްވައިގެން ހިންގަވާ ތަމްރީނު ޕްރޮގްރާމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ދަސްކޮށްދެއްވާ މައިގަނޑު ކަންކަމުގެ ތެރޭގައި ރައްޔިތުންނާއި ބައްދަލުވާ އެކިއެކި ޙާލަތްތަކުގައާއި ފޯނުންނާއި އެހެނިހެން ގޮތްގޮތުން މުޢާމަލާތުކޮށް މުވާޞަލާތު ކުރުމުގެ ހުނަރު ހިމެނެއެވެ. އަދި ރައްޔިތުން ބޭނުންވާ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ފުލުހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަވަންތަ ހުނަރުތައްވެސް ހިމެނެއެވެ. މީގެ އިތުރުން އެކިއެކި ބޭނުންތަކުގައި ފުލުހުންގެ ޚިދުމަތަށް އެދިންގެން ފުލުހުންގެ މަރުކަޒުތަކަށް ޙާޟިރުވާ އަދި ޒިޔާރަތްކުރާ މީހުންނާއި މުޢާމަލާތުކޮށް، ފުލުހުންގެ ޚިދުމަތް އެ މީހުންނަށް އެންމެ އެކަށީގެންވާ ގޮތުގައި ލިބިދީ، ޚިދުމަތް ލިބިގަންނަ މީހުން ހިތްހަމަޖެހިގެން ތިބެ ޚިދުމަތް ހޯދައިގެން ދާ ބައެއް ކަމުގައި ޔަޤީންކުރާނެ ގޮތްވެސް ދަސްކޮށްދެއްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.  

އިސްކަންދަރު ކޮށީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ދިރާގުގެ މެނޭޖަރ ކަސްޓަމަރ ސަރވިސް މަސްއޫދު ޢަލީއެވެ. މި ޕްރޮގްރާމް ކުރިއަތް އޮތްތާގައި ރާއްޖޭގެ ހުރިހާ ޕޮލިސް ސްޓޭޝަންތަކެއްގައި ހިންގެވުމަށް ހަމަޖައްސަވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.