ތަރައްްޤީ

ގއ.ވިލިނގިލީގައި 16 މަގު ތަރައްޤީކުރައްވަން ސަރުކާރުން ނިންމައިފި


ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢަށް ބައެއް މުހިންމު ބަދަލުތައް ގެންނަވަމުން ގެންދަވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ބަދަލު ގެންނަވަނީ މަޝްރޫޢު ކުރިޔަށް ގެންދަވާއިރު، ރަށުގެ ރައްޔިތުންގެ ބައެއް ހުށައެޅުން ލިބިވަޑައިގެންފައިވުމާއެކު އެ ހުށައެޅުންތަކަށް ރިޢާޔަތްކުރައްވައި، ސަރުކާރަށް ގެންނެވެން ހުރި ބައެއް ބަދަލުތައް ގެންނެވުމަށްޓަކައެވެ.

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުގެ މަސައްކަތް ފެއްޓެވީ 28 އޮގަސްޓް 2013 ގައެވެ. މި މަޝްރޫޢުގައި ފުރަތަމަ 14 މަގެއް ހެދުމުގެ މަސައްކަތް ފެށްޓެވިނަމަވެސް ޑިޒައިނަށް ބައެއް ބަދަލުތައް ގެންނަވާ 16 މަގެއް ޒަމާނީ ފެންވަރަށް ހެއްދެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ވިލިނގިލީ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ގެންދަވާ ބޮޑު މަޝްރޫޢު އެކުލަވާލައްވައި، އެ މަޝްރޫޢުގެ ޕްލޭނިންގ މަރުޙަލާ ގެންދަނީ ފުރިހަމަ ކުރައްވަމުންނެވެ. 

ސަރުކާރުން ކުރިޔަށް ގެންދަވާ ވިލިނގިލީ މަގުތައް ޒަމާނީ ފެންވަރަކަށް ހެއްދެވުމަށް ހިންގަވާ މަޝްރޫޢުގެ ދަށުން މި އަހަރު 6 ކިލޯ މީޓަރު މަގު ހަދައި ނިންމެވުމުގެ މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަނާއެވެ. ވިލިނގިލިގެ 16 މަގެއް މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވައި ތާރުއެޅުއްވުމަށް ވަނީ ނިންމަވާފައެވެ. މި މަގުތަކުގައި ތާރުއެޅުއްވުމުގެ މަސައްކަތުގެ ދަށުން އެރަށު ސަމުގާމަގުން ފެށިގެން އަތޮޅު ތަޢުލީމީ މަރުކަޒާ ހަމައަށް ވަނީ ތާރު އަޅުއްވާފައެވެ. ބޭންކް އޮފް މޯލްޑިވްސް ވިލިނގިލި ބްރާންޗް މަގުގައިގައި ތާރު އަޅުއްވައި ވަނީ މުޅިން ނިމިފައެވެ. ވިލިނގިލީގެ އަމީނީމަގުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު ޑިޒައިނަށް ބަދަލުތަކެއް ގެންނެވުމަށްފަހު މަސައްކަތް އަލުން ވަނީ ފަށްޓަވާފައެވެ. އެގޮތުން ބައެއް ހިސާބުތަކުގައި ޕާކިނގް ޒޯންތައް ހެދުމާއި، ދުވާރު ކުޑަކުރުމަށްފަހު މަގު ފުޅާކުރައްވާފައިވެއެވެ. 

ސަރުކާރުގެ ބަޖެޓުން ހޭދަ ކުރައްވައިގެން ކުރިއަށްގެންދަވާ މި މަޝްރޫގެ ތެރެއިން ރަށުގެ ބޮޑެތި މަގުތަކުގައި ފެންހިންދާނެ ނިޒާމް ޤާއިމްކުރައްވައި، މަގުތަކުގައި ހޮޅިވަޅުލައްވައި، ކޭބަލްއަޅުއްވައި، ފެނުގެ ނިޒާމް ޤާއިމްކުރައްވަން ހޮޅި ވަޅުލާފައިވެއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިލިނިލި ކައުންސިލްގެ ރައީސް ނިޔާޒު ނިޒާރު ވިދާޅުވީ ތާރުއެޅުމުގެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށާއި، މަސައްކަތް މަޑުޖައްސަވާލާއްވާފައިވަނީ ތިނަދޫގައި ފާހަގަކުރައްވަން ހަމަޖެހިފައިވާ އެރަށުގައި މީހުން އާބަދުވިތާ 50 އަހަރުގެ މުނާސަބަތުގައި ހިމެނޭ ''އާބާދީ 50 އަށް'' އެރަށުގެ މަގުތައް ނިންމުމަށްޓަކައި ސިއަރާ ކުންފުނީގެ އިންޖިނިއަރުންނާއި ޓެކްނިކަލް ޓީމް ތިނަދުއަށް ބަދަލުކުރަން ޖެހުމުން ކަމަށެވެ. ނަމަވެސް ތިނަދޫގެ މަސައްކަތް ނިމުމުން އަލުން ވިލިނގިލިގައި ތާރު އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށްވެސް ވިލިނިލި ކައުންސިލްގެ ރައީސް ނިޔާޒު ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/7861.jpg|ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު - ފައިލް ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ހައުސިންގް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިލިނގިލީގެ މަގު ހެދުމުގެ މަސައްކަތް މަޑުޖައްސާލާފައިވަނީ މަގުހެދުމުގެ މަސައްކަތުގައި ފެންވަރުގެ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށާއި، ޑިޒައިގެން ސްޕެސިފިކޭޝަނާއި އެއްގޮތަށް މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަށް މިހާރު އަންގާފައިވާނެ ކަމަށެވެ.

"ވިލިނގިލީ މަގު ހެދުމުގައި އެބައުޅޭ ފެންވަރުގެ މައްސަލައެއް އަޅުގަނޑުމެންނަށް ރިޕޯޓް ކުރެވިފައި. އަޅުގަނޑުމެން މިހާރުވާނީ ކޮންޓްރެކްޓަރަށް އަންގާފައި ޑިޒައިން ސްޕެސިފިކޭޝަންއާ އެއްގޮތަށް މަސައްކަތް ކުރިޔަށްގެންދިޔުމަށް. އެކަހަލަ ބައެއް ފަންނީ ކަންތައްތައް އެބަހުރި. އަނެއްހެން މަސައްކަތްތައް ސީދާ ހުއްޓާލާފައެއް ނޫން. ކޮންޓްރެކްޓަރ އެބޭފުޅުންގެ އެހެން މަސައްކަތްތަކަށް ބައެއް ތަކެތި މޮބިލައިޒްކޮށްފާނެ އެހެން ރަށަކަށް ނަމަވެސް ވިލިނގިލީގެ ޕްރޮޖެކްޓް ހުއްޓައެއްނުލަން." ހައުސިންގް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވިލިނގިލިގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސްދުވަހުގެތެރޭގައި ނިންމާލެވޭނެކަމަށް ލަފާ ކުރައްވާ ކަމަށެވެ. ވިލިނގިލި މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ކުރިން 14 މަގެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވައި، ތާރުއަޅުއްވަން ނިންމަވާފައިވީނަމަވެސް ތާރުއަޅުއްވާ މަގުގެ ޢަދަދު އިތުރުކުރައްވައި މިހާރު ވަނީ 16 މަގެއްގައި ތާރުއެޅުއްވުމަށް ނިންމަވާފައެވެ.