ފ. މަގޫދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މަގޫދޫގައި އަޅާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ފ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އަދި މި މަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީއެވެ. މީގެ އިތުރުން ރަށު ކައުންސިލުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތް ކުރުމާއި، ފުރާޅާއި، ދަވާދުލުމުގެ މަސައްކަތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރިޔަށް ގެންދާނެއެވެ.
މިއީ 5.34 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ މަގޫދޫގައި މަގޫދޫގައި ގާއިމުކުރެވޭ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ނިމުމުން އެރަށުގެ ރައްޔިތުންނަށް އިޖްތިމާއީ ގޮތުންނާއި ސިއްހީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށެވެ.