ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފ. މަގޫދުއަށް ވަޑައިގަންނަވައިފި


  • މަގޫދޫއަކީ މިދަތުރުފުޅުގަ ރައީސް ވަޑައިގެންނެވިދިހަވަނަ ރަށް

  • ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫއަށް ވަޑައިގެންފިއެވެ.

ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފ.އަތޮޅަކީ ރައީސް ވަޑައިގެންނެވި 2 ވަނަ އަތޮޅެވެ. ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ފ. މަގޫދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ރަށުގެ ގިނަބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
މަގޫދޫއަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި ދިހަވަނަ ރަށެވެ. އަދި މިއަދު ވަޑައިގެންނެވި 2 ވަނަ ރަށެވެ.

މަގޫދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ހަމައެއާއެކު، ރައީސްގެ މިދަތުރުފުޅުގެ ތެރެއިން މަގޫދޫގައި އަަލަށް އިމާރާތްކުރެވޭ ކައުންސިލް އިދާރާއާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވެއެވެ. އަދި އެރަށުގައި އަލަށް ގާއިމުކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އެރަށުގައި އަލަށް އިމާރާތްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ އިތުރުން، މަގޫދޫ އެއަރޕޯޓް ސަރަޙައްދު ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާއި ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.