ޚަބަރު

ކްލެސިކްގެ ރޭގެ މެޗުތައް ކާމިޔާބުކުރީ ކްލަބް 220، ޑީޖޭއޭ، ޓްރާންސްޕޯޓް އަދި އެފްއާރްސީ


ކުލަބު މޯލްޑިވްސް ކުލެސިކްގައި ރޭ ކްލަބް 220 އާއި އެގްރި ބައްދަލުކުރި މެޗު 4-2 ލަނޑުން ކާމިޔާބުކުރީ ކްލަބް 220 އެވެ.

މި މެޗުގައި 9 ވަނަ މިނިޓްގައި އަންސަރު އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑާއެކު މެޗުގެ ލީޑު ނެގީ ކްލަބް 220 އިންނެވެ. ނަމަވެސް އޭގެ 3 މިނިޓް ފަހުން އެގްރި ޓީމުގެ އައިމަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަކޮށްފައެވެ. އަދި މެޗުގެ 17 ވަނަ މިނިޓްގައި އައިމަން އެގްރި ޓީމަށް 2 ވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ލީޑު ހޯދިއެވެ. އެހެންނަމަވެސް ގާތްގާތުގައި ކްލަބު 220 އިން ގެންދިޔައީ ހަމަލާތައް އުފައްދަމުންނެވެ.

އެގޮތުން މެޗުގެ 22 ވަނަ މިނިޓްގައި މުހައްމަދު ނިޝާހު ކާމިޔާބުކޮށްދިން ލަނޑާއެކު އަނެއްކާވެސް ވަނީ މެޗުގެ ނަތީޖާ އެއްވަރުވެފައެވެ. އޭގެފަހުން އަންސަރު ކްލަބް 220 ގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީ އެގްރި ޓީމުގެ އުންމީދު ފަނޑުކޮށްލިއެވެ. ކްލަބް 220 ގެ 4 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މި މެޗުގެ ކްލެސިކް މޭންގެ މަގާމު ހޯދި އަންސަރެވެ.

އެމްސީއެމް ކްލެސިކްގައި ރޭ އެމްއައިއޭއާރްސީ އާއި ކުލަބު ޑީޖޭއޭ ބައްދަލުކުރި މެޗު ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުން ޑީޖޭއޭއިންނެވެ. މި މެޗުގެ ކުރީކޮޅު އެމްއައިއޭއާރްސީގެ ރައުފަތު އަބޫބަކުރު ކާމިޔާބުކޮށްދިން ލަނޑާއެކު އެ ޓީމުން ލީޑު ނެގިނަމަވެސް މެޗުގެ ނަވާރަ މިނިޓްގައި ޑީޖީއޭގެ އައްފާން ބިން އަހުމަދު ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަކޮށްދީފައެވެ.

ޑީޖޭއޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އަޖުވަދު ސޮލާހެވެ. ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ އައްފާން ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާ ނުވަތަ ކްލެސިކްމޭންގެ މަގާމު ހޯދީވެސް އައްފާނެވެ.

ރޭ ޓާފް އެކެއްގައި ކުޅުމަށް ހަމަޖެހިފައި އޮތް 3 ވަނަ މެޗަށް ދިވަރު އެފްސީން ހާޒިރުނުވުމުން ނިންމާފައިވަނީ 2-0 ޓީމު ބަދަހިއަށް މެޗު ކާމިޔާބުވީކަމަށެވެ.

މި މުބާރާތުގައި ރޭ ޓާފް ދޭއްގައި ކުޅުނު މެޗުތަކުގެ ތެރެއިން ކުލަބު އެސްޑީއެފްސީ އާއި ޓްރާންސްޕޯޓް ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެވު 3-1 ލަނޑުން ކާމިޔާބުކުރީ ޓްރާންސްޕޯޓް އާރްސީއެވެ.

ޓްރާންސްޕޯޓް އާރްސީގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް އަނާން އަލީއާއި ރައުހާން ރިފާތް އަދި އިބްރާހިމް އަނާން އަލީއެވެ.

މި މެޗުގައި އެސްޑީއެފްސީގެ ހުސެއިން ފައުޒާންއަށް ދެއްކި ދެ ރީނދޫ ކާޑާއެކު ރަތްކާޑު ދައްކާ މެޗުގެ 3 ވަނަ މިނިޓްގައި ރެފްރީވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ. އެޓީމަށް މި މެޗުގައި ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑަކީ މެޗުގެ 2 ވަނަ މިނިޓްގައި އަޔާޒް އިބްރާހިމް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޔޫތް ރެކްރިއޭޝަން ކުލަބާއި ފިނޭންސް ރެކްރިއޭޝަން ކުލަބު (އެފްއާސީ) ބައްދަލުކުރި މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ފިނޭންސް އާރްސީންނެވެ. އެ މެޗުގައި ކްލެސިކްމޭން އަކީ ފިނޭންސްގެ އަޒްވާނެއެވެ.

ސީއެމްސީ ކްލެސިކްގައި ރޭ ފެހިފަހި އަދި ފިޝަރީޒް ރެކްރިއޭޝަން ކުލަބު 6-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފިޝަރީޒް އާރްސީއެވެ. ފިޝަރީޒުން ވަނީ މި ނަތީޖާއާއެކު ގަދަ 16 ގެ ޖާގައެއް ހޯދާފައެވެ. މި މެޗުގެ ކްލެސިކް މޭންއަކީ ފިޝަރިޒްގެ ޒާހިދުއެވެ.