ބުންޑެސްލީގާގައި ރޭ ހޮފެންހޭމް އާއި ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގައި ހެރީ ކޭން ހެދި ހެޓްރިކާއިއެކު 4-1 ގެ ނަތީޖާއަކުން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.
ހޮފެންހޭމްގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މިއުނިކް މޮޅުވެފައިވާއިރު އެ ޓީމުން ވަނީ މި ސީޒަނުގެ ލީގުގައި ކުޅޫނު ހަތަރު މެޗުން މޮޅުވެ 12 ޕޮއިންޓާއެކު ތާވަލުގެ ކުރި ހޯދާފަ އެވެ.
ބަޔާން މިއުނިކް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ބަޔާން މިއުނިކަށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން ވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ހެރީ ކޭން މި މެޗުގައި ހެޓްރިކް ހަދާފައިވަނީ މެޗުގެ 77 ވަނަ މިނިޓުގައި ހެރީ ކޭން ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި މި ސީޒަނުގެ ލީގުގައި އޭނާ ހެދި ދެވަނަ ހެޓްރިކެވެ. އަދި މިއީ ބުންޑެސްލީގާގައި އޭނާ ހެދި ނުވަވަނަ ހެޓްރިކް ވެސްމެ އެވެ.
ހޮފެމްހޭމް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ވްލަޑިމިރް ކޯފަލް އެވެ.
މި މެޗުގައި ބަޔާން މިއުނިކް އިން ޖެހި ހަތަރު ވަނަ ލަނޑަކީ މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި ސާޖޭ ނަބްރީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ކުރިން ބަޔާން މިއުނިކް އާއި އަލަށް ގުޅުނު ނިކޮލަސް ޖެކްސަން ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.