ޚަބަރު

ޗެލްސީ އަތުން ޔުނައިޓެޑަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެ ޔުނައިޓެޑަށް ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

މި މެޗުން ޔުނައިޓެޑް މޮޅުވިއިރު މިއީ މި ސީޒަނުގައި އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. އަދި ފަސް މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 10 ވަނައިގަ އެވެ. އަނެއް ކޮޅުން ޗެލްސީ މި މެޗުން ބަލިވުމާއިއެކު އެ ޓީމަށް ފަސް މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ވަނީ ތާވަލުގެ ހަވަނަ އަށް ވެއްޓިފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ކުޅުނު މި މެޗުގެ ފަސް ވަނަ މިނިޓުގައި ޗެލްސީ އަށް ވަނީ މައްސަލަތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއީ ގޯލުކީޕަރު ރޮބަޓް ސަންޗޭޒް އޭރިޔާ ބޭރުން ޔުނައިޓެޑްގެ ފޯވަޑް ބްރަޔަން އެމްބެއޫމޯ އަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ސަންޗޭޒް އަށް ދެއްކި ރަތް ކާޑާއިއެކު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ އަށް މަޖުބޫރު ވެގެންދިޔައީ ޕެޑްރޯ ނެޓޯ އާއި އެސްޓެވާއޯ ވިލިއަންގެ ބަދަލުގައި އަޑަރަބިއޯޔޯ އާއި ކީޕަރު ޖޯގެންސަން ކުޅެން އެރުވުމަށެވެ. މީގެ އިތުރުން މެޗުގެ 21 ވަނަ މިނިޓުގައި ކޯލް ޕާމާ އަށް އަނިޔާ ވުމުގެ ސަބަބުން އޭނާވެސް ވަނީ ބަދަލުކޮށްފަ އެވެ.

މި މެޗުގައި ޔުނައިޓެޑް އިން ލީޑު ނަގާފައިވަނީ މެޗުގެ 21 ވަނަ މިނިޓުގައި ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި 37 ވަނަ މިނިޓުގައި ކަސެމީރޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަސެމީރޯ އަށް ދެއްކި ދެވަނަ ރީނދޫ ކާޑާއިއެކު އޭނާ ވަނީ ދަނޑުން ފޮނުވާލާފަ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުގައިވެސް 10 ކުޅުންތެރިން ތިބިއިރު ޗެލްސީ އިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަގަޅު ކޮށްފަ އެވެ.

މި މެޗުގައި ޗެލްސީ އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 80 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓްރެވަރ ޗަލޮބާ އެވެ.

ޗެލްސީ މި މެޗުން ބަލިވެފައިވާއިރު އެ ޓީމުން އޯލްޑް ޓްރެފަޑްގައި އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ 2013 ވަނަ އަހަރު އެވެ.