ބިލެތްދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
ބިލެތްދޫ ބަނދަރު ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފ.އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ބިލެތްދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. .
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ބިލެތްދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
ބިލެތްދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.
ބިލެތްދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެރަށު ބަނދަރާއި ނެރު ފުންކޮށް، 202 މީޓަރު ޗެނަލް ބްރޭކްވޯޓަރ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، 308 މީޓަރުގެ ބޭރު ތޮއްޓެއްލުމާއި، 270 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން، 244 މީޓަރުގެ އެލް ބްލޮކް ކީވޯލް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ބިލެތްދޫ ބަނދަރު ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 72,319,518.36 ރުފިޔާއަށް، 450 ދުވަސްތެރޭ މަސައްކަތް ނިންމާ ހަވާލުކުރާގޮތަށެވެ.
ބިލެތްދޫ ބަނދަރު ތަރައްޤީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، އެރަށު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ.