ޚަބަރު

ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މައްކާއަށް ފުރައިފި


ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މިރޭ މައްކާއަށް ފުރައިފިއެވެ. 

މިއަހަރު ޙައްޖަށްދާ 2000 މީހުންގެ ތެރެއިން މިރޭ ފުރީ ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައިދާ 222 ޙައްޖާޖީންނާއި ޒަޢީ ގުރޫޕްގެ އެޑްވާންސް ޓީމެވެ. ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ޙައްޖަށްދާ މީހުން ފުރީ މިރޭ ސަޢޫދީ އެއަރލައިންސްއިންނެވެ. ޙައްޖު ކޯރޕަރޭޝަންގެ ދެވަނަ ގުރޫޕްގައި ހިމެނޭ 266 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ ބުރާސްފަތިދުވަހު ސަޢޫދީ އެއަލައިނުން މެންދުރު ދެގަޑި ފަހެއްގައެވެ. ޙައްޖު ކޯރޕަރޭޝަންގެ ތިންވަނަ ޤްރޫޕްގައި ހިމެނޭ 246 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ 21 ވަނަ ދުވަހުއެވެ. ޙައްޖު ކޯރޕަރޭޝަންގެ ހަތަރުވަނަ ގުރޫޕް ފުރުމަށް ހަމަޖެހިފައިވަނީ 22 އޯގަސްޓްގައެވެ. 

އެކްރޯ ޕްރައިވެޓް ލިމިޓެޑްގެ ޙަވާލުގައި ހައްޖަށްދާ 200 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހުއެވެ. ބުރާސްފަތިދުވަހު ފުރުމަށް ހަމަޖެހިފައިވަނީ 99 ޙައްޖާޖީން އަދި 20 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ 102 ޙައްޖާޖީންނެވެ.

މިނާ ގުރޫޕްގެ ޙަވާލުގައި ހައްޖަށްދާ 197 މީހުން ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މެގަ މޯލްޑިވްސް ފްލައިޓުންނެވެ. ސިސިލްފަރު ޤްރޫޕްގެ ޙަވާލުގައި ހައްޖަށްދާ 200 ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި ސްރީލަންކަން އެއަރލައިންސްއިންނެވެ. ޒަޢީ ގްރޫޕްގެ ޙަވާލުގައި ޙައްޖަށްދާ 200 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެ ޤްރޫޕްގެ ޙަވާލުގައި ޙައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މެގަ މޯލްޑިވްސްގެ ފްލައިޓުން ހަވީރު ތިނެއް ޖަހާއިރުއެވެ.

img:http://s2.psmnews.mv/images/660x400/14712764598443.jpg|ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރުން / ފޮޓޯ: ޕީއެސްއެމް

އަލްޙަރަމައިނި ޙައްޖު ގްރޫޕްގެ ޙަވާލުގައި ހައްޖަށްދާ 200 މީހުންގެ ތެރެއިން ފުރަތަމަ ގުރޫޕްގެ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ އެކާވީސްވަނަ ދުވަހުއެވެ. އަލްޙަރަމައިނިގެ ފުރަތަމަ ޤްރޫޕްގައި ހިމެނޭ 65 މީހުން ފުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:15ގައި ޤަތަރުއެއަރވޭސްއިންނެވެ. އަލްޙަރަމައިނިގެ ދެވަނަ ޤްރޫޕްގައި ހިމެނޭ 95 މީހުން ޤަތަރު އެއަރވޭސްއިން ފުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8.20ގައެވެ. އަލްޙަރަމައިނިގެ ތިންވަނަ ޤްރޫޕްގައި ހިމެނޭ 40 މީހުން ފުރުމަށް ހަމަޖެހިފައިވަނީ 10:15 ގަ ޤަތަރުއެއަރވޭސްއިންނެވެ.

ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު އެއް ހާސް މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަންދާއިރު ފަސް ޖަމާއަތެއްގެ ޙަވާލުގައިވެސް އެއްހާސްމީހުން ޙައްޖުގެ އަޅުކަން އަދާކުރަންދާނެއެވެ. ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިއަހަރު ދެހާސް ކޯޓާ ސަޢުދީ ސަރުކާރުން ދެއްވާފައިވެއެވެ.

މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެއަރޕޯޓަށް ދިއުމުގެ ހުރިހާ ޚިދުމަތެއް ސަރުކާރުގެ ޚަރަދުގައި ހަމަޖައްސަވައިފައިވެއެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި ޙާއްޖާޖީން އެއަރޕޯޓަށް ދިއުމަށްޓަކައި ޙައްޖު ޖަމާޢަތްތަކުން ކަނޑައަޅާފައިވާ ގަޑިތަކަށް ޖަމާވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒަށްކަމަށެވެ. އަދި އެ މިނިސްޓްރީން ކަނޑައަޅުއްވާފައިވާ ފެރީގައި ކޮންމެ ޙައްޖާޖީއަކާއެކު ތިން މީހުންނަށް ހިލޭ ދެވޭނެ އިންތިޒާމްވެސް ހަމަޖައްސަވާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.