ޚަބަރު

ވ.ތިނަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ

  • ހަނދާނީ ކާޑެއް ރަށު ކައުންސިލާއި ހަވާލުކުރެއްވި

ފެލިދެއަތޮޅު ތިނަދޫގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ.

އެރަށުގައި އޭޓީއެމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިދެއްވީ އެމަނިކުފާނު ފެލިދެއަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިޚިދުމަތް ފަށްޓަވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާއި ހަވާލުކުރައްވާފައެވެ.

ތިނަދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ދަށުގެ މިހާތަނަށް 11 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ޤާއިމްކޮށް ޙިދުމަތް ދޭންފަށާފައެވެ. އެންމެ ފަހުން އޭޓީއެމްގެ ޙިދުމަތް ޤާއިމްކޮށް ނިންމާފައިވަނީ ގއ، އަދި ގދ އަތޮޅުގައެވެ. ގއ، ގދ. އަތޮޅު ހިމެނޭހެން ބީއެމްއެލްގެ އޭޓީއެމް ޤާއިމްކޮށްފައިވާ އަތޮޅުތަކަކީ އއ. އަތޮޅު ހއ. އަތޮޅާއި، ހދ އަތޮޅު، ށ. އަތޮޅާއި ދ. އަތޮޅާއި ނ. އަތޮޅާއި މ. އަތޮޅުގެ އިތުރުން ކ. އަދި ބ. އަތޮޅު ހިމެނެއެވެ.

އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢު ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާއިރު، ބޭންކުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް މިމަޝްރޫޢު އެއްކޮށް ނިންމާލުމެވެ. މިމަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި އެރަށްރަށަށް އިޤްތިޞާދީ ކުރިއެރުން ލިބިގެންދާނެ ކަމަށް ބޭންކުން ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.