ތަޢުލީމު

ލޯކަލް ސަނަދުތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ހުއްޓާލަނީ


ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒުތަކުން ކުރިއަށްގެންދާ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަ ކުރުމުންދޭ ލޯކަލް ސަނަދުތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން އަންނަ ސެޕްޓެމްބަރުމަހުން ފެށިގެން ހުއްޓާލުމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ނިންމައިފިއެވެ.

އެ އޮތޯރިޓީން "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ހުއްޓާލުމާއި ގުޅޭގޮތުން ކުރައްވާފައިވާ ޢިއުލާންގައި ވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒުތަކުން ކުރިޔަށްގެންދާ ތަޢުލީމާއި، ތަމްރީން ޕްރޮގްރާމްތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް ތައްޔާރުކޮށް، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ހުއްދައާއެކު ހިންގާ ޕްރޮގްރާމްތަކެއްކަމަށެވެ. އަދި އެ ޕްރޮގްރާމްތައް ނިންމައި، ދަސްވެނިވާ ދަރިވަރުންނަށް ސަނަދު ދެނީ އެ އޮތޯރިޓީން އެ ޕްރޮގްރާމް ހިންގާފައިވާގޮތް ބަލައި ސަނަދު ދިނުމުގެ ހުއްދަ ދިނުމުންކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވިދާޅުވެފައިވެއެވެ.

ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ސަނަދުތަކާއި ގުޅޭ ގޮތުން މައްސަލައެއް ދިވާމެއްޖެނަމަ ނުވަތަ އެ ސަނަދު ތަކާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ބޭނުންވެއްޖެނަމަ އެކަމުގެ އެހީތެރިކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދިވެހި ސިވިލް ސަރވިސްއަށް ފޯރުކޮށްދޭނެކަމަށް އެއޮތޯރިޓީން ވިދާޅުވެފައިވެއެވެ.

އޮތޯރިޓީ ތައްގަނޑު ޖެހުން ހުއްޓާލުމަށް ނިންމާފައިވާތީ، މިކަމުގައި ދިވެހި ސިވިލް ސަރވިސްއަށް ދިމާވެދާނެ ދަތިތައް ހައްލުކޮށްދިނުމަށާއި އެސަރވިސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ ސިވިލް ސަރވިސް ކޮމިޝަނާއި ދެމެދު ފަހުމު ނާމާއެއްގައި މިއަހަރުގެ ޖުލައިމަހު ސޮއިކުރައްވާފައެވެ. 

ދިވެހި ސިވިލް ސާރވިސްގެ ވަޒީފާއަށް ކުރިމަތިލާފަރާތްތަކުން ލިބިފައިވާ ހުނަރާއި، ތަޢުލީމާއި ތަމްރީން އަންގައިދޭ ލިޔުން މިހާތަނަށް ހުށަހަޅަންޖެހެނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ "ރިކޮގްނިޝަން" ތައްގަނޑާއެކުގައެވެ.