ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކްގައި ފަންސާސް ދެ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ބާސެލޯނާ ނިކުތްއިރު އެ ޓީމުގެ އިތުބާރު ފޯވަޑް ލަމީން ޔަމާލް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ނެތްތަން ފޫބެއްދުމަށްޓަކައި ކޯޗު, ހެންސީ ފްލިކް ބޭނުންކޮށްފައިވަނީ މާކަސް ރަޝްފޯޑް އެވެ. އޭނާ އަކީ ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް އިން ބާސެލޯނާ އާއި ދާދި ފަހުން ގުޅިފައިވާ ކުޅުންތެރި އެކެވެ.
މިދިޔަ ސީޒަނުގައި ނިއުކާސަލް އަށް މުހިންމު ލަނޑުތަކެއް ޖަހައިދީފައިވާ އެލެކްޒެންޑަރ އިސާކް އެ ޓީމު ދޫކޮށް ލިވަޕޫލް އަށް ބަދަލުވެފައިވާތީ އޭނާ ނެތްތަން ފޫބެއްދުމަށްޓަކައި 69 މިލިއަން ޕައުންޑްގެ ފީ އަކަށް އެ ޓީމަށް ގެނައި ފޯވަޑް ނިކް ވޮލްޓެމޭޑް އަށް ކޯޗު އެޑީ ހޯވޭ ފުރުސަތު ދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ބާސެލޯނާ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ބާސެލޯނާ އިން ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ލީޑު ނަގާފައިވަނީ މެޗުގެ 58 ވަނަ މިނިޓުގައި މާކަސް ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ 9 މިނިޓު ފަހުން ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ނިއުކާސަލް ޔުނައިޓެޑް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ 90 ވަނަ މިނިޓުގައި އެންތޮނީ ގޯޑޮން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަންނަ އާދީއްތަ ދުވަހު ނިއުކާސަލް އިން ނިކުންނާނީ ޕްރިމިއާ ލީގުގައި ބޯންމަތު އާއި ދެކޮޅަށެވެ. އަދި އޭގެ ފަހުން އަންނަ ބުދަ ދުވަހު ކަރަބާއޯ ކަޕްގެ ތަށި ދިފާއުކުރުމަށްޓަކައި ބްރެޑްފޯޑް ސިޓީ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި އެ ޓީމު ކުޅޭނެ އެވެ.