ޚަބަރު

ޓެރަރިޒަމާބެހޭ ބިލެއް ހުށަހަޅަން ރައީސަށް ލަފާ އަރުއްވައިފި


ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާބެހޭ ބިލެއް އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް، ރައްޔިތުންގެ މަޖިލީހުން ލަފާ އަރުއްވައިފިއެވެ. 

ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުއްވުމަށް މަޖިލީހުން ފާސްކުރެއްވީ، ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމާ ބެހޭގޮތުން ދިވެހި ދައުލަތުގެ ސިޔާސަތުތައް ބަޔާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަރުދާސް ދިރާސާކުރެއްވުމަށްފަހު, މަޖިލީހުން ފާސްކުރެއްވި ރިޕޯޓްގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 11 މެމްބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރެއްވި ރިޕޯޓް ވަނީ 57 މެމްބަރުންގެ އިއްތިފާޤުން ފާސްކުރައްވާފައެވެ. 

img:http://s3.psmnews.mv/images/660x400/14597701277491.jpg|ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފައިލް ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަރުދާސް ދިރާސާ ކުރެއްވި ކޮމިޓީ ރިޕޯޓުގައި ވަނީ، ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމާބެހޭ ބިލެއް އެކުލަވާލާ މަޖިލީހަށް ފޮނުއްވުމަށް ރައީސްއަށް ލަފާއެރުއްވުމަށެވެ. އެގޮތުން ދުނިޔޭގައި ޓެރަރިޒަމް މަނާކޮށް ހައްދުފަހަނައަޅާދިއުން ހުއްޓުވުމަށް ފިޔަވަޅުއެޅުމަށް އެޤައުމުތަކުން ޢަމަލުކުރާގޮތުގެ މައްޗަށް ބިނާކޮށް ރާއްޖޭގައިވެސް މިކަންކަން ހުއްޓުވޭނެ ގޮތްތައް ކޮމިޓިން ވަނީ ފާހަގަކުރައްވާފައެވެ.  

ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުމާ ބެހޭގޮތުން ކަނޑައަޅުއްވާފައިވާ ބައެއް ސިޔާސަތުގެ ތެރޭގައި، ރާއްޖެއަކީ ޓެރަރިޒަމާއި، ހައްދުފަހަނަޅައަޅާދިއުމާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން އިސްނެގުމާއެކު ހަރަކާތްތެރިވާ ޤައުމެއްގެ ގޮތުގައި ހެދުމާއި، ޤައުމީ ސަލާމަތާބެހޭ ޤާނޫނެއް އެކުލަވާލާ، ޢަމަލުކުރަން ފެށުން ހިމެނެއެވެ. އަދި ރާއްޖެއަށް އެތެރެވާ ބިދޭސީންގެ ފަރާތުން ޤައުމީ ސަލާމަތަށް ނުރައްކާވެދާނެތީ އެކަމަށް ފިޔަވަޅުއެޅުންވެސް މި ސިޔާސަތުގައި ހިމެނެއެވެ.