ކުރިއަށްއޮތް 3 އަހަރެއްހާދުވަސް ވެގެންދާނީ ކީރިތި ޤުރްޢާން ހިތުދަސްކުރުމުގެ ދާއިރާއިން ރާއްޖެ އައު އުސްމިނަކަށް ގެންގޮސްދޭނެ މުއްދަތަކަަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37ވަނަ ޤައުމީ މުބާރާތް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ގޮތަށް ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ކުރުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.
ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރިއަށްގެންދަވަނީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އިތުރުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ހާފިޒުން އަދަދު އިތުރުވަމުންދާކަމަށާއި، އެހެން އަހަރުތަކާ ޚިލާފަށް ޤުރްޢާން ހިތުދަސްކުރުމަށް ދަރިވަރުންނަށް ގިނަ އަދަދަކަށް ފުރުޞަތުދެމުންގެންދާކަމަށެވެ.
ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރަށް ޤުރްއާން ހިތުދަސްކުރުމަށް އެހީތެރިވެދެއްވާ އަމިއްލަ ސެންޓަރުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކެއްވެސް ހޯއްދަވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިވަގުތާހަމައަށް ރާއްޖޭގައި 1500އަށްވުރެ ގިނަ ޒުވާން ކުދިން ޤުރްއާން ހިތުދަސްކުރަމުންދޭ މިހާރުވެސް. މާނައަކީ ކުރިއަށް މިއޮތް ދެތިން އަހަރުވެގެންދާނީ ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ދާއިރާގައި އައު އުސްމިނަކަށް ރާއްޖެ ގެންދާނެ އަހަރުތަކަކަށޭ" ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ޞަޢީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ކީރިތި ޤުރްއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމަށް ސަރުކާރާއި އާއްމު ރައްޔިތުންނާއި ވިޔަފާރިވެރިންނާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ. އަދި އިސްލާމްދީނާއި ކީރިތި ޤުރުއާނުގެ ރިސާލަތު ފެތުރުމަށް ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު އަދި އެކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފައިދާ ކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ބެލެނިވެރިންނާއި މުދައްރިސުންނަށްވެސް ހިއްވަރު ދެއްވާފައެވެ. އެގޮތުން ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ ވަކިން ބޮޑު މާތް މަސައްކަތެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. މިއަހަރުގެ ޤައުމީ މުބާރާތަކީ ޙާފިޡުންގެ ބައިގައި އެންމެ ގިނަ ޙާފިޡުން ބައިވެރިވި ފަހަރުކަން އަހަރުކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
ޙާފިޒުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވަން ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެއިތުރުން ޙާފިޒުންނަށްދޭ ސަނަދު މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އެމްކިޔުއޭއިން ޤަބޫލުކުރާ މިންގަނޑަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. އަދި ޙާފިޒުން ޢުމްރާއަށް ފޮނުވުމުގެ ޚާއްސަ މަޝްރޫޢެއްވެސް ސަރުކާރުން ފަށާފައިވާއިރު، ކޮންމެ ދަރަޖައެއްގައި ޙާފިޒަކު ފާސްވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދެއްވާގޮތަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ސަރުކާރުން މިހާރު ވަނީ ހަމަޖައްސަވާފައެވެ.