ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިން ޢުރުދުނަށް ވަދެވޭ ހަމައެކަނި މަގު ކަމުގައިވާ ކިންގ ޙުސައިން ބްރިޖު ސަރަޙައްދުގައި ދިން ޙަމަލާއެއްގައި ދެ ޔަހޫދީން މަރުވެއްޖެއެވެ.
ހަމަލާ ދިން މީހާ އެ ސަރަޙައްދަށް އައިސްފައި ވަނީ ޢުރުދުނުން އެހީގެ ސާމާނު ހިފައިގެން އައި ލޮރީއެއްގައެވެ. އޭނާ ވަނީ އެ ސަރަޙައްދުގައި ތިބި ޔަހޫދީންތަކަކަށް އަމާޒުކޮށް ބަޑިން ޙަމަލާ ދީފައެވެ. ބަޑިއަށް މައްސަލައެއް ދިމާވުމުން ދެން ޙަމަލާދީފައި ވަނީ ވަޅިން ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އެ ޙަމަލާގައި ދެ ޔަހޫދީން މަރުވެފައިވެއެވެ. ޔަހޫދީ ސަލާމަތީ ބާރުތަކުން ވަނީ ޙަމަލާ ދިން މީހާ ޝަހީދުކޮށްލައިފައެވެ.
ޢުރުދުންގެ ސަރުކާރުގެ ފަރާތުން ވާހަކަދެއްކި ތަރުޖަމާނަކު ވިދާޅުވީ އެ ޤައުމުން އެ ހާދިޘާ ތަހުޤީޤު ކުރަމުންދާ ކަމަށެވެ. އެ ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ޙަމަލާއަށްފަހު ކިންގ ޙުސައިން ބުރިޖު ޔަހޫދީންގެ ފަޅިން ބަންދުކޮށްފައިވާ ކަމަށް ވެސް ޢުރުދުނުން ވަނީ ބުނެފައެވެ.
ކިންގ ޙުސައިން ބުރިޖަކީ ޢުރުދުންއާއި ހުޅަނގު އައްސޭރިއާ ދެމެދު އޮންނަ މުހިންމު މަގެކެވެ. އެ މަގު މެދުވެރިކޮށް އެހީގެ ސާމާނު އެތެރެކުރުމުގެ އިތުރުން ވިޔަފާރިއަށް ވެސް އެ މަގު ބޭނުން ކުރެއެވެ. މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ޢުރުދުން އައި މީހަކު ވަނީ ހަމަ އެލެންބީ ކްރޮސިންގައި ޔަހޫދީންގެ ތިން މީހުން މަރާލައިފައެވެ. އެ ޙަމަލާގެ ސަބަބުން ދެ ދުވަހުގެ މުއްދަތަށް އެ މަގު ވަނީ ބަންދުކޮށްފައެވެ.