މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ޙައްޤު ނޫން ބަޔަކަށް ގެދޮރާއި ފްލެޓުދިން މައްސަލާގައި ކުރީގެ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ އިސްވެރިންގެ މައްޗަށް ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމާއި މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރި ޢިއުލާނާއި ފުލެޓު ދޫކުރުމުގެ އުސޫލާ ޚިލާފަށް، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅި ބައެއް ފަރާތްތަކަށް ފޮއިންޓުދީ، ފްލެޓް ލިބުމަށް ޝަރުޠު ފުރިހަމަނުވާ ބައެއް، ފްލެޓް ލިބޭ މީހުންގެ ވަގުތީ އަދި ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާކުރުމަށް މިމަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.
• މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމާއި ގެދޮރުވެރިން ކޮމިޓީގެ ޗެއަރމަންގެ މަޤާމުގައި ހުރި މއ. އެވަރލާސްޓް، އަކްރަމް ކަމާލުއްދީން
• މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަދި ގެދޮރުވެރިން ކޮމިޓީގެ މެންބަރު، ހއ. އިހަވަންދޫ، ނެދުންގެ، މުޙައްމަދު ޢާރިފް
• މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލްގެ އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި މއ. އިހާދޫ، އަޙްމަދު ވިޝާން ނަސީމް
• މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރި މއ. ވިރާޙް، ޟިރުޣާމް ވަޙީދު
ޕީޖީ އޮފީހުން ވިދާޅުވީ މި މީހުންނަށް ކުރަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ. އަދި މި މައްސަލައަކީ ދައުލަތުގެ މާލިއްޔަތާއި ޢާންމު ފަރުދުންގެ މަޞްލަޙަތާ ގުޅުންހުރި ތަޙުޤީޤުތައް އަވަސްކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މައްޗަށް ކޮށްފައިވާ އަމުރުގެ ދަށުން ތަޙުޤީޤު އަވަހަށް ކުރިއަށްގެންގޮސްފައިވާ މައްސަލައެއްކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅުންހުރި އިތުރު ބައިތައް ޕީޖީ އޮފީހުގެ ލަފާއާއެކު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤުކުރައްވަމުންނެވެ. އެ ބައިތައް އެކަށީގެންވާ ވަރަށް ތަޙުޤީޤުކުރެވުމުން ދަޢުވާކުރުމާ މެދު ގޮތެއް ނިންމޭނެކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ތެރެއިން އެކުލަވާލި ލިސްޓުތަކުގައި އެތައް މައްސަލަތަކެއް ހުރިކަން ސަރުކާރުންނާއި ތަޙުޤީޤީ މުއައްސަސާތަކުން ފާހަގަކުރައްވާފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ފްލެޓް ލިބޭ 4000 މީހުން ހިމެނޭ ދާއިމީ ލިސްޓެއް ނެރުނީ 15 ނޮވެމްބަރު 2023ގައެވެ. ރިޔާސީ އިންތިޚާބާ ކައިރިވެފައިވަނިކޮށް ނެރުނު އެލިސްޓަށް އޭރުވެސް ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. މިއާއެކު ފްލެޓް ދިނުން މަޑުޖައްސާލުމަށް އޭސީސީން އޭރުގެ ސަރުކާރަށް އަންގަވައި އެ ޝަކުވާތަކާގުޅޭ މައްސަލަތައް ބައްލަވަން ފެށްޓެވިއެވެ. ބެލި ބެލުމުން ފްލެޓް ލިބުނު މީހުންގެ ތެރެއިން %59.6 މީހުންގެ ޝަރުތު ހަމަނުވާކަން އޭސީސީއަށް ވަނީ ފާހަގަވެފައެވެ.
މިހާރު ސަރުކާރުން ވަނީ ލިސްޓު ރިވިއުކުރުމަށްފަހު ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓުގައި އެމްޑީޕީގެ ސަރުކާރުން އުޞޫލާ ޚިލާފަށް ނުޙައްޤުން ފްލެޓުދިން މީހުންގެ ނަންތައް ވަނީ އުނިކޮށްފައެވެ.