ޚަބަރު

ޖަޕާނަށް ކަނޑައަޅާ ސަފީރުގެ ނަންފުޅު ދިރާސާކުރުމަށް ކޮމިޓީއަށް


ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް މުޙައްމަދު ޙުސައިން ޝަރީފް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުއްވައިފިއެވެ.

މިއަދު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް މުޙައްމަދު ޙުސައިން ޝަރީފްގެ ނަންފުޅު ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ ޤައުމީ ސަލާމަތު ކޮމިޓީއަށެވެ. އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީ ވަނީ މަޖިލީހުގެ ތަޅުއްމަށް އިއްވަވާފައެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރުކަމުގެ މަޤާމްގައި މިހާތަނަށް ހުންނެވީ އަޙްމަދު ޚަލީލެވެ. ޖަޕާނަށް އާސަފީރަކު ޢައްޔަންކުރައްވަން ނިންމެވީ އަޙްމަދު ޚަލީލްގެ މަޤާމްގެ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

މުޙައްމަދު ޙުސައިން ޝަރީފް ވަނީ މި ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަންވެސް ކުރައްވާފައެވެ. އަދި ކުރިން ޔޫތު މިނިސްޓަރުކަމާއި، ސަރުކާރުގެ ތަރުޖަމާނުކަންވެސް ކުރައްވާފައިވެއެވެ.