ޚަބަރު

އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށްކުރާ މަސައްކަތް


އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްޞަސާތައް އިތުރަށް ބާރުވެރި ކުރެއްވުމަށް ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ކުރިއަށްގެންދާ ހަރަކާތުގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީން ބައިވެރިވެއްޖެއެވެ.

"ސްޓްރެންގތްނިންގ އެންޓިކޮރަޕްޝަން އެޖެންސީސް އިން އޭޝިއާ ޕެސިފިކް" ގެ ނަމުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާ، ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ފައްޓަވާފައިވާ އިނީޝިއޭޓިވްގެ ދަށުން، އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ހުރި ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކާއި ޖަމިއްޔާތައް ބާރުވެރިކުރުވުމަށް ޚާއްޞަ ދިރާސާއެއް ގެންދަވަނީ ކުރައްވަމުންނެވެ.

އޭސީސީއާއެކު މިއަދު ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން މިދިރާސާއަށް އޭސީސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއްވައި އެއްބާރުލުން ދެއްވުމަށް ހަމަޖެހިފައިވެއެވެ. އޭސީސީގެ ފަރާތުން މި އެމް.އޯ.ޔޫގައ ސޮއިކުރެއްވީ އެކޮމިޝަނުގެ ރައީސް ޙަސަން ލުތުފީއެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޓީ.އެމް ބޯޑުގެ ޗެއަރޕަރސަން އަލްއުސްތާޛު ޙުސައިން ސިރާޖެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ފައްޓަވާފައިވާ މި އިނީޝިއޭޓިވްގެ ދަށުން އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ޤާއިމުކުރައްވާފައިހުރި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތައް އެޤައުމުތަކުގެ ސަރުކާރާއި ގުޅިގެން އިތުރަށް ވަރުގަދަ ކުރައްވައި، ބާރުވެރި ކުރުވުމަށް އެޖަމިއްޔާއިން އެހީތެރިކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނީޝިއޭޓިވްގެ ދަށުން އެ މުއައްސަސާތައް އިތުރައް ވަރުގަދަ ކުރެއްވުމަށް ދިރާސާތައް ކުރައްވައި، ޤައުމީ އަދި ސަރަޙައްދީ ފެންވަރުގައި ޚިޔާލު ބަދަލުކުރުމުގެ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.