ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ، މަޝްޢަރު ޙައްޖު އެންޑް ޢުމްރާގެ ވެރިޔާ، މ.ހަވީރީފިނި ޢަލީ ފާރިޝް 3 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ޢުމްރާއަށް މީހުން ގެންގޮސްދޭނެކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށެވެ.
ދައުލަތުން ޢަލީ ފާރިޝްގެ މައްޗަށް އުފުލާފައިވާ ދަޢުވާގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ ރަމަޟާންމަހު ރާއްޖެއިން މީހުން ޢުމްރާއަށް މީހުން ގެންދިޔުމަށްކަމަށް ބުނެ، އޭސް އޭވިއޭޝަން ސަރވިސް މޯލްޑިވްސްއާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް، 48 މީހެއްގެ ރިޓަރން ޓިކެޓްތަކުގެ ބުކިންގއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަލް މަޝްޢަރު ކުންފުނިން ދޫކޮށްފައިވާ 3 ޗެކް ބައުންސްވުމާއި ގުޅިގެން އެފައިސާ ހޯދުމަށް ޕްރޮސެކިއުޝަނުން ހުށައަޅާފައިވާކަމަށެވެ.
ކްރިމިނަލް ކޯޓުން ކުރި ޙުކުމްގައި ބުނެފައިވަނީ، ހުށައަޅާފައިވާ ދަޢުވާއަށް ފާރިޝް އިންކާރު ކުރިނަމަވެސް، މިމައްސަލާގައި ދައުލަތުން ހުށައަޅާފައިވާ ހެކީގެ އަލީގައި ފާރިޝްގެ މައްޗަށް، އެއްވެސް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ މައްސަލައެއްކަމަށެވެ. އެހެންކަމުން، ޤާނޫނުލްޢުޤޫބާތުގެ ދަށުން އޭނާ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅާކަމަށް ކްރިމިނަލް ކޯޓުގެ ޙުކުމުގައިވެއެވެ. މީގެއިތުރުން އޭނާއާއެކު ވެވުނު މިމުޢާމަލާތުގައި، އޭސް އޭވިއޭޝަން ސަރވިސް މޯލްޑިވްސްއާއި އޭސް ޓްރެވެލް މޯލްޑިވްސްއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގައި އެމެރިކާ ޑޮލަރުން، 26350.32 ސެންޓު، ދިވެހި ރުފިޔާއިންނަމަ، ހަތަރު ލައްކަ، ހަހާސް ތިންސަތޭކަ އެކާވީސް ރުފިޔާ ނުވަދިހަ ތިން ލާރި، އެކުންފުނިތަކަށް ދެއްކުމަށްވެސް ވަނީ ޙުކުމްގައި ކަނޑައަޅާފައެވެ. ކްރިމިނަލް ކޯޓުގެ ޙުކުމްގައި ވަނީ މިފައިސާ 24 މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް ވަނީ ބުނެފައެވެ.
ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމަށް ޢަލީ ފާރިޝްގެ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުން، މީހުންގެ އަތުން ފައިސާ ނަގާ، އެފައިސާއަށް ޚިޔާނާތްތެރިވެފައިވާއިރު، ޓިކެޓު ނެގުމަށް މުޢާމަލާތުކުރި ކުންފުނިތަކަށްވެސް ވަނީ ޚިޔާނާތްތެރިވެފައެވެ. އެއަހަރު ޢުމްރާއަށް ގެންދާނެކަމަށް ބުނެ ފައިސާ ނެގި ބައެއް ފަރާތްތަކަށް، ޢުމްރާގައި ރާއްޖެ ނާދެވި ޙާލުގައި ޖެހުނެވެ. އަދި ބައެއް މީހުންނަށް ޢުމްރާއަށް ދެވިފައެއް ނުވެއެވެ.
ޢުމްރާއަށް މީހުން ގެންދިޔުމަށްކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނެގުމަށްފަހު، ޢުމްރާއަށް ނުދެވުމުގެ މައްސަލައާއި ޚިޔާނާތުގެ މައްސަލަތަކާއެކު ސަރުކާރުންވަނީ ޢުމްރާއަށް ގެންދިޔުމުގައި އިހުމާލުވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަން ހާމަކުރައްވާފައެވެ. ޢުމްރާއަށް ދިޔުމަށްޓަކައި ފައިސާދައްކާއިރު، އެއީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއްކަން ކަށަވަރުކުރުމަށް އެވުޒާރާއިން އިލްތިމާސްކުރައްވައެވެ.