ޚަބަރު

އަނިޔާއިން ރަގަޅުވެ ބެލިންހަމް ޓީމާއި ގުޅިއްޖެ


ރެއާލް މެޑްރިޑްގެ މިޑްފީލްޑަރ ޖޫޑް ބެލިންހަމް އަށް ލިބިފައިވާ އަނިޔާއިން ރަގަޅުވެ ޗެމްޕިއަންސް ލީގުގައި މިރޭ މާސޭ އާއި ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ހިމަނައިފި އެވެ.

ބެލިންހަމްގެ ކޮނޑަށް ލިބިފައިވާ އަނިޔާއިން ރަގަޅު ވުމަށްޓަކައި އޭނާ ވަނީ މިދިޔަ ޖުލައި މަހު ސާރޖަރީއެއް ހަދާފަ އެވެ. މިދިޔަ ޖުލައި މަހު ހެދި ސާރޖަރީ އަށް ފަހު ފީފާ ކްލަބް ވޯލްޑްކަޕްގައިވެސް ބެލިންހަމް ކުޅެފައެއް ނުވެއެވެ.

އުމުރުން 22 އަހަރުގެ އިންގްލެންޑްގެ މިޑްފީލްޑަރ ކޮނޑަށް ލިބިފައިވާ އަނިޔާގެ ތަދުތަކާއިއެކު 2023 ވަނަ އަހަރުން ފެށިގެން އޭނާ ދަނީ ކުޅެމުންނެވެ. އޭނާގެ ކޮނޑަށް އަނިޔާ ވެފައިވަނީ ރަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ކުޅުނު މެޗެއްގައި ކޮނޑުހުޅު ނެއްޓުމަށްފަހުގަ އެވެ.

ބެލިންހަމް އެއްކޮށް ފިޓުވެ ރެއާލް މެޑްރިޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވަނީ މިދިޔަ ހަފްތާގަފަ އެވެ.

އަދި ޗެމްޕިއަންސް ލީގުގައި މިރޭ މާސޭ އާއި ދެކޮޅަށް ކުޅޭ މެޗަށް ކޯޗު ޒަބީ އަލޮންސޯ ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ބެލިންހަމް ވަނީ ހިމަނާފަ އެވެ.

2023 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އިން 115 މިލިއަން ޕައުންޑުގެ ފީއަކަށް ރެއާލް މެޑްރިޑް އާއި ގުޅުނު ބެލިންހަމް ވަނީ އޭނާ އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ އިތުރުން ލަލީގާގެ ޗެމްޕިއަންކަން ހޯދާފަ އެވެ.