ކުޅުދުއްފުށީ ސިޓީ ޕޯޓުގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ. އަދި އެލިއާ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވީ، މިއަދާއި ހަމައަށް ޕޯޓުން ކުރަމުން އައި މަސައްކަތަކީ ކޮންޓެއިނަރ ރާއްޖެ ގެނެސް ކަނޑާ ވިޔަފާރި ބަނދަރަށް ބޭރުކުރުންކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޕޯޓުތައް އިތުރުވުމުން ބައެއް މަސައްކަތްތަކުގެ ތެރޭގައި ލޮޖިސްޓިކް މަސައްކަތްތައް ފެށުމާއި ކަނޑާއި ގުޅިފައިވާ މަސައްކަތް ފުޅާކުރަން ހިމެނޭކަމަށެވެ.
މި މަސައްކަތް ވެގެންދާނީ ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް ކުރެވިގެންދާ މަސައްކަތެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
"އުތުރުގައި އަޅުގަނޑުމެން ޕޯޓްގެ މަސައްކަތް ފެށިއިރުގައި ވަރަށް މުހިންމު ކޮންޕޯނެންޓެއް މަދުވެގެން އެބަދޭ ކުޅުދުއްފުށި ޚާއްސަކޮށް. އެއީ އަޅުގަނޑުމެންގެ ބަނދަރެއް އޮވެފައި ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ރިކުއެސްޓް އާދޭ ވަރަށް ގިނަ ތަފާތު ހިދުމަތައް އެ ހިސާބުގަނޑުގެ މީހުންގެ ފަރާތުން. އެކަމަކު އަޅުގަނޑުމެންނަށް ވާގޮތަކީ ވަރަށް ބޮޑަށް ލިމިޓްވޭ ވެއަރހައުސް އެބަހުރި. އަޅުގަނޑުމެންގެ އިންޖީނިއަރިން ސަރވިސް އެތާއެބަހުރި. އެއްގަމު އުޅަނދު ބެލެހެއްޓޭ. އެކަމަކު ކަނޑުގެ މަސައްކަތްކުރާ ކީވޯލްއެއް އޮވެފައި ކަނޑުގެ ގުޅުން އޮންނަ ބަޔަކަށްވާތީ މި ރިކުއެސްޓް އަބަދުވެސް އާދޭ އަޅުގަނޑުމެންނަކަށް" ސީއީއޯ ވިދާޅުވިއެވެ.
އެލިއާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު އަލީ ވިދާޅުވީ، މިކަމަށް މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މި މަސައްކަތަކީ ގުޅިގެން ދެފަރާތުން މަސައްކަތް ކުރުމުގެ ފެށުމެއްކްމަށެވެ.
"ވަރަށް އުންމީދުތައްވެސް އަޅުގަނޑުމެންގެ ފުޅާ. މިއީ ފެށުމެއް. އަޅުގަނޑުމެންވެސް އުންމީދުކުރަނީ ދިގުދެމިގެންދާއިމީ ގުޅުމަކަށްވާނެކަމަށް" އަލާއު ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ޔަމަހާގެ ސަރވިސް ސެންޓަރެއް ޤާއިމްކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑާއި އެލިއާ އިންވެސްޓްމަންޓާއި ދެމެދު ސޮއިކޮށްފައިވާއިރު 6 މަސްދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަންޖެހޭނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. މިތަނުން ޔަމަހާގެ އިންޖީނުތަކަށް އައުޓްބޯޑް ޚިދުމަތްތައް ދޭނެއެވެ.