ސިވިލް ސަރވިސް މުވައްޒަފެއްގެ ޢާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާކުރާނަމަ ޗުއްޓީ ލިބޭ ގޮތަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ޢާއިލާ މީހަކު ދާއިމީ ބައްޔަކަށް ނުވަތަ ގިނަ ދުވަހުން ފަސޭހަވާ ބައްޔެއް (ކްރޮނިކް ކޮންޑިޝަން)އެއްގެ ސަބަބުން ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަންޖެހުން ނުވަތަ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވެއްޖެނަމަ މުވައްޒަފަކަށް ޗުއްޓީއެއް ލިބޭނެއެވެ. އެގޮތުން އަސާސީ މުސާރަ (މަޤާމުގެ މުސާރަ) ލިބޭ ގޮތަށް އަހަރަކު 30 ދުވަހުގެ "ޚާއްސަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ"ގެ ނަމުގައި ޗުއްޓީއެއް ދެވިދާނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މިގޮތަށް ޗުއްޓީދެވޭނީ އެ މުވައްޒަފެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އަނބިމީހާ ނުވަތަ ދަރިފުޅު ނުވަތަ އެއްބަނޑުއެއްބަފާ މީހެއް ނުވަތަ އެއްބަފާ މީހެއް ނުވަތަ އެއްބަނޑު މީހެއް ނުވަތަ ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ މީހެއް ބައްޔެއް ތަޙައްމަލުކުރަން ޖެހުން ނުވަތަ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުމުންނެވެ.
ޗުއްޓީއަށް އެދި ހުށައަޅާއިރު، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ސެޓުފިކެޓު ދޫކުރި ޤައުމެއްގެ، ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަރުކަޒަކުން ޞިއްޙީ މަސައްކަތްތެރިޔަކު
ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. މި ޗުއްޓީ ދޭންވާނީ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތިންކަމަށް އައު އިސްލާހުގައިވެއެވެ.
އައު އިސްލާހުގައި ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން ދޫކޮށްލެވޭނެ އިތުރު ހާލަތެއްވެސް ބަޔާންކޮށްފައިވެއެވެ. އެއީ މުވައްޒަފަކަށް ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދުމެވެ. މިހާލަތުގައި މުވައްޒަފު ވަޒީފާ އަދާކުރުމަށް ނުކުޅެދޭކަމުގައި ބަލާނީ އެކަން ބަޔާންކޮށް، ޞިއްޙީ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިޔަކު ސޮއިކޮށް، ލިޔުން ދޫކުރާ ތަނުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް ހުށަހެޅުމުންނެވެ.
ސިވިލް ސަރވިސްގެ ގަވާއިދަށް މި ގެނައި 13 ވަނަ އިސްލާހަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.