ޚަބަރު

ރަޝިޔާގެ ޑްރޯން ޙަމަލާތައް ހުއްޓުވަން ޔޫކްރެއިންގެ މޮބައިލް ޚިދުމަތް ހަނިކުރަން ވިސްނަނީ


ރަޝިޔާއިން ޑްރޯން ޙަމަލާތައް ދިނުމަށް ޔޫކްރެއިންގެ މޮބައިލް ނެޓްވޯކްތައް ބޭނުންކުރުން ހުއްޓުވުމަށް، އެ ފަދަ ޙަމަލާތައް ދޭ ވަގުތު ޔޫކްރެއިންގައި މުވާސަލާތީ ޚިދުމަތްދޭ ފެންވަރު ގަސްތުގައި ދަށްކޮށްލުމާމެދު ވިސްނަމުންދާ ކަމަށް އެ ޤައުމުގެ ޗީޕް އޮފް ޖެނެރަލް ސްޓާފް، އަންޑްރީ ހަނަތޮވް ވިދާޅުވެއްޖެއެވެ.

ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަކުރަމުންދާތާ 3.5 އަހަރު ވެފައިވާއިރު، ފާއިތުވި މަސްތަކުގައި ރަޝިޔާއިން ވަނީ ޔޫކްރެއިނަށް ދެމުންދާ ޑްރޯން ޙަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޙަމަލާތަކުން ދޭ ގެއްލުން އިތުރުކުރުމަށް ރަޝިޔާއިން ދަނީ މި ފަދަ ޙަމަލާތައް ދިނުމަށް ބޭނުންކުރާ ޓެކްނޮލޮޖީ ކުރިއަރުވައި، ބޭނުންކުރާ ޑްރޯންގެ ޢަދަދު ވެސް އިތުރުކުރަމުންނެވެ.

ހަނަތޮވް ވިދާޅުވީ ޑްރޯން ޙަމަލާތައް ދޭ ވަގުތު މޮބައިލް ޚިދުމަތް އެއްކޮށް މެދުކަނޑައިލަނީ ނޫން ކަަމަށާއި އޭގެ ބަދަލުގައި ޚިދުމަތްތައް ހަނިކޮށް ފެންވަރު ދަށް ކޮށްލާނީ ކަމަށެވެ. އެ ގޮތުން ބައެއް ސަރަޙައްދުތަކުގައި 4ޖީ ނުވަތަ 5ޖީގެ ޚިދުމަތް އެ ވަގުތު ނުލިބޭގޮތް ހެދުންފަދަ ރޭވުންތައް ހިމެނެއެވެ. އެ ގޮތަށް ހެދުމުން ރަޝިޔާގެ ޑްރޯންތަކުގައި ހުންނަ މޮޑެމްތަކަށް ޔޫކްރެއިންގެ ނެޓްވޯކްތައް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލުވި މޮބައިލް އިންޓަނެޓުގެ ޚިދުމަތް ކަނޑައިލުމުން ކެމެރާ ހަރުކޮށްފައިވާ ޑްރޯންތަކަށް މަންޒަރުތައް ނުފޮނުވޭވެއެވެ. އެ ކަމަށް 4ޖީ ނެޓްވޯކެއް ބޭނުންވާނެއެވެ. ޔޫކްރެއިނުން ދޭ ޑްރޯން ޙަމަލާތައް ހުއްޓުވުމަށް ރަޝިޔާއިން ވެސް އާއްމުކޮށް މޮބައިލް އިންޓަނެޓުގެ ޚިދުމަތް ކަނޑައިލައެވެ.