ތިމާވެށި

ހަތަރު ރަށެއްގައި ކުނިކޮށި ޤާއިމްކުރުމުގެ މަސައްކަތް ޙަވާލުކޮށްފި


ހަތަރު ރަށެއްގައި މުޅިން އައު ކުނިކޮށްޓެއް ޤާއިމްކުރެއްވުމާއި، 3 ރަށެއްގެ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން އަމިއްލަ 2 ކުންފުންޏަކާއި ޙަވާލުކުރައްވައިފިއެވެ.

މީގެ އިތުރުން އެމިނިސްޓްރީގައި މިއަދު ބޭއްވެވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ހައްދުންމަތީ ގަމުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނިއަންދާ އިންސިނެރޭޓަރެއް ހެދުމަށްވެސް އަމިއްލަ ކުންފުންޏަކާއި ހަވާލުކުރައްވާފައިވެއެވެ.

އަބޫދާބީ ފަންޑް ފޮރ ޑިވޮލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) ގެ ލޯން އެހީއާއި، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން އެންވަޔަރަމަންޓް މިނިސްޓްރީން ދެކުނުގެ 3 އަތޮޅަކަށް ޢަމާޒްކުރައްވައިގެން އައްޑޫ ސިޓީގައި ތަރައްޤީ ކުރައްވާ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ ސިސްޓަމް" ސަރަޙައްދީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް އެ 3 އަތޮޅުގެ ރަށްރަށުގައިވެސް ކުނިކޮށިތައް ޤާއިމްކޮށް ކުނިކޮށި އަޕްގްރޭޑް ކުރެވިގެންދާނެއެވެ. މި މަޝްރޫޢުގެ ދަށުން މުޅިން އަލަށް ކުނިކޮށި ޤާއިމްކުރެއްވުމަށް ނިންމަވާ އަމިއްލަ 2 ކުންފުންޏަކާއި ހަވާލުކުރެއްވި، ދެކުނުގެ 4 ރަށަކީ، ގދ. ހޯޑެއްދުއާއި، ގދ. ނަޑެއްލާ، ގދ.ފިޔޯރީ އަދި ގއ.ކޮނޑޭއެވެ. މީގެ ތެރެއިން، ހޯޑެއްދޫ، ނަޑެއްލާ އަދި ފިޔޯރީގެ ކުނިކޮށި އެޅުމުގެ މަސައްކަތް ތިން މިލިޔަން ތިންސަތޭކަ ސާޅީސް އަށްހާސް، ހަތްސަތޭކަ ސާޅީސް ފަސް ރުފިޔާ ފަސްދޮލަސް ތިން ލާރިއަށް ހަވާލުކުރައްވާފައިވަނީ، އައި.އެސް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. img:http://s2.psmnews.mv/images/660x400/14711905764326.jpg|ކުނިކޮށި އެޅުމާއި އަޕްގްރޭޑް ކުރުން 2 ކުންފުންޏަކާއި ޙަވާލުކުރެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ގއ. ކޮނޑޭގެ ކުނި މެނޭޖް ކުރާ މަރުކަޒެއް އެޅުމުގެ މަސައްކަތް ހަތް ލައްކަ ހަތްދިހަ ނުވަހަށްވުރެ ގިނަ ރުފިޔާއަށް ހަވާލުކުރައްވާފައިވަނީ، ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ޕީ.އެސް.އައި.ޕީގެ ދަށުންވެސް ރާއްޖޭގެ ރަށްރަށުގައި ކުނިކޮށި ޤާއިމްކުރެއްވުމާއި، އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އަމިއްލަ ކުންފުނެއްކަމަށްވާ ވެލްމެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސަރުކާރުން، ރ. ހޫޅުދުއްފާރާއި، އެއަތޮޅު އުނގޫފާރުގެ އިތުރުން، ބ.ކެންދޫގައި ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރައްވާފައިވެއެވެ. މި 3 ރަށުގެ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް އެއްމިލިޔަން ފަސްލައްކަ ފަސްދޮޅަސް ދެހާސް ހަސަތޭކަ ބާވީސް ރުފިޔާ ޚަރަދުވެއެވެ. img:http://s3.psmnews.mv/images/660x400/14711906026776.jpg|ކުނިކޮށި އެޅުމާއި އަޕްގްރޭޑް ކުރުން 2 ކުންފުންޏަކާއި ޙަވާލުކުރެއްވުން - ފޮޓޯ: ޕީއެސްއެމް ނިއުސް

މީގެއިތުރުން ހައްދުންމަތީ ގަމުގެ ކުނި މެނޭޖްކުރާ މަރުކަޒުގައި ކުނި އަންދާ އިންސިނެރޭޓަރެއް ހެދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދުވަނީ، ނުވަލައްކަ ހަތްދިހަ ހަހާހެއްހާ ރުފިޔާއަށް އިންޓަރލޮކް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވާފައެވެ. މިއީ ވެސް ޕީ.އެސް.އައިޕީގެ ދަށުން، ލ. ގަމުގެ ކުނިކޮށި މެނޭޖްކުރާ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރެއްވުމުގެ ގޮތުން ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވި ގޮތުގައި، މިއަދު ހަވާލުކުރައްވާފައިވާ މަޝްރޫޢުތަކަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރުމުގެ މަސައްކަތް 2018 ވަނަ އަހަރުގެ ނިޔަލަށް ނިންމެވުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުގެ ދަށުން ހަވާލުކުރައްވާފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. އަދި، އަމިއްލަ ކުންފުނިތަކާއި ހަވާލުކުރައްވައިގެން ކުނިކޮށިތައް އަޕްގްރޭޑް ކުރުމާއި ކުނިކޮށި ޤާއިމްކުރުމަށް ކުރައްވާ މަސައްކަތައް ރަށްރަށުގެ ފަރާތުން ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުން މުހިންމު ކަމަށެވެ. މި މަޝްރޫޢުތަކުގެ ދަށުން އަޅާ ކުނިކޮށިތަކާއި، އަޕްގްރޭޑްކުރާ ކުނިކޮށިތަކުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭވަރުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.