ޔޫތު މިނިސްޓްރީން ކުރިއަށް ގެންދަވާ ޖޮބް ފެއަރގެ ތެރެއިން އަތޮޅުތެރޭގައި މިއަހަރު ބާއްވަވާ 2 ވަނަ ފެއަރގައި ސްޓޯލްތަށް އެދުމުގެ ފުރުޞަތު މިމަހުގެ 18 ވަނަދުވަހުގެ ނިޔަލަށް ހުޅުއްވައިލައްވައިފިއެވެ. މިފެއަރ ބޭއްވެވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރމަހު ދޭކުން ތިނަކަށް އދ. މަހިބަދޫގައެވެ.
ކިއްސަރު ޖޮބްފެއަރގެ ނަމުގައި ކުރިއަށް ގެންދަވާ މި ފެއަރ އަތޮޅުތެރެއަށް ޚާއްޞަކުރައްވައިގެން ކުރިއަށް ގެންދަވާ މިއީ 3 ވަނަ އަހަރެވެ. އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާމިނަތު އުންމުކުލްސޫމް ވިދާޅުވީ މިފަހަރުގެ ފެއަރ މަހިބަދޫގައި ބޭއްވެވިނަމަވެސް ފެއަރ ޚާއްޞަ ކުރެވިގެންދާނީ މުޅިއަތޮޅުގެ އެންމެހާ ޒުވާނުންނަށް ކަމަށެވެ. އެގޮތުން ފެއަރ ކުރިއަށް ގެންދަވާ ދުވަސްތަކުގައި އަތޮޅުގެ އެހެން ރަށްތަކުން ފެއަރއަށް ޒުވާނުން ގެންނެވުމުގެ އިންތިޒާމްތައްވެސް ހަމަޖައްސަވާނެކަމަށް އުންމުކުލްސޫމް ވިދާޅުވިއެވެ. އުންމުކުލްސޫމް ވިދާޅުވީ މިނިސްޓްރީގެ މަޤްޞަދަކީ ޒުވާނުންނާއި ވީހާވެސް ކައިރިން ވަޒީފާގެ ފުރުޞަތުތަށް އެ ޒުވާނުންނަށް ހޯއްދަވައި ދެއްވުންކަމަށެވެ.
" އަޅުގަނޑުމެން މިދަނީ ރަށުގައި ހުރި ގެސްޓްހައުސްތަކުގެ ބޭފުޅުންނާވެސް ގުޅަމުން. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކާވެސް ގުޅައި މަޢުލޫމާތު ހޯދަމުން. އެބޭފުޅުން ކުރާ ކަންތައްތަކާއި ރަށުގައި ތިބެގެން ޒުވާނުންނަށް ކުރެވޭނެކަންކަން ބަލައި. ބޮޑަށް އަޅުގަނޑުމެން މިބަލަނީ އެއަތޮޅެއްގައި ތިބެގެން ޒުވާނުންނަށް ކުރިއަށްދެވޭނެ ރޮނގުތަކާއި ވަޒީފާ އަދާކުރެވޭނެ ފުރުސަތުތަށް ތަނަވަސް ކޮށްދިނުން. ވީހާވެސް އެބޭފުޅަކާއި ގާތުން މަސައްކަތް ކުރެވޭނެ ގޮތެއް ފަހިވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ." އުންމުކުލްސުމް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީގެ ކިއްސަރު ޖޮބްފެއަރ މިއަހަރުގެ ފެބްރުއަރީމަހު ވަނީ އައްޑޫ ސިޓީގައިވެސް ކުރިއަށްގެންދަވާފައެވެ. މީގެ އިތުރުން ޒުވާނުންނަށް މަތީ ތަޢުލީމާއި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދެއްވުމަށް ޔޫތު ޗެލެންޖްގެ ނަމުގައި މިމަހު މާލޭގައިވެސް ވަނީ ފެއަރއެއް ބާއްވަވާފައެވެ. މިނިސްޓްރީން ކުރިއަށް ގެންދަވާ މިފަދަ ފެއަރތަކުގައި ވަޒީފާގެ ފުރުޞަތުތަކާއި މަތީތަޢުލީމުގެ ބައެއް ފުރުޞަތުތަށް ފޯރުކޮށްދިނުމުގެ އިތުރުން ކެރިއަރ ގައިޑޭންސްގެ ދާއިރާއިންވެސް ޒުވާނުންނަށް ތަމްރީންތަށް ކުރިއަށް ގެންދަވައެވެ.