ރިޕޯޓް

ހަނިމާދޫގައި ބޭއްވި އަޑުގެ "އަދަބީ ކާނިވާ 2016" ނިންމާލައިފި


ދިވެހި އަދަބީ ކާނިވަލަކީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން ބާއްވަމުން އަންނަ ކާނިވަލެކެވެ.  މިއީ އަދަބީ ކާނިވާ ކުރިއަށްގެންދާ ހަތަރުވަނަ އަހަރެވެ. އޮގަސްޓްމަހުގެ އެގާރަ ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މިކާނިވާ ބާއްވާފައި ވަނީ ހދ. ހަނިމާދޫ ސްކޫލްގައެވެ. ހަނިމާދޫ ސްކޫލާއި ދިވެހިރާއްޖޭގެ އަޑު ގުޅިގެން ބޭއްވި މިކަނިވަލުގައި ދިވެހި އަދަބިއްޔާތާއި، ޘަޤާފަތް ދައްކުވައިދޭ ޖުމްލަ 9 މުބާރާތެއް ކުރިއަށްގެންދިޔައެވެ. އެގޭތެރެއިން 8 މުބާރާތެއް ކުރިއަށްގެންދިޔައީ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެނެވެ. އަދި ޢާންމުންނަށް ޚާއްޞާކޮށްގެން ވަނީ މުބާރާތެއް ކުރިއަށް ގެންގޮސްފައެވެ. މިމުބާރާތުގައި ހަނިމާދޫ ސްކޫލްގައި ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންހެން ވަނީ ބައިވެރިވެފައެވެ. 

މިކާނިވަލުގައި ކުރިއަށް ގެންދިޔަ މުބާރާތްތަކުގެ ތެރޭގައި، ކުރުވާހަކަ ލިޔުމާއި، މަޒުމޫނު ލިޔުމާއި، ޅެންހެދުމާއި، ބައިތުބާޒިއާއި ބަހުސް ފަދަ ދިވެހި އަދަބިއްޔާތާ ގުޅުން ހުރި މުބާރާތްތައް ހިމެނެއެވެ. މިމުބާރާތަކީ ދިވެހި އަދަބިއްޔާތާއި، ޘަޤާފަތަށް ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ކުރިއަށްގެންދާ މުބާރާތެއްކަމުން، މިމުބާރާތުގައި ދަރިވަރުންގެ ޘަޤާފީ ގިނަ ޙަރަކާތްތައް ހިމަނާފައިވެއެވެ. އެގޮތުން މިމުބާރާތުގައި ދަނޑިޖެހުން މާފަތިނެގުން ބޮޑުބެރު ފަދަ ދިވެހި ތަޤާފަތް ދަކުވައިދޭ ކުޅިވަރުތައް ފެނިގެންދިޔައެވެ.

img:http://s3.psmnews.mv/images/660x400/14711701810891.jpg|އަދަބީ ކާނިވަލުގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ހދ. ހަނިމާދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި އަދަބީ ކާނިވާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޕީއެސްއެމް ޑިރެކްޓަރ ރޭޑިއޯ މުޙައްމަދު ޝާކިރު ވިދާޅުވީ ޕީއެސްއެމުން މިކާނިވާ ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު އެންމެ ބޭނުމަކީ ނެތެމުންދާ އަޅުނގަޑުމެން ސަޤާފާތާއި ބަސް ދިރުވައި އާލާކުރުމަކީ ސްޓޭޓް މީޑިއާ ޒިންމާގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ އެކަމަށް މަސައްކަތްކުުރުންކަމަށެވެ. މިކަން އެންމެ ބޮޑަށް ކުރިއަށްގެންދެވޭނީ ސްކޫލް ދަރިވަރުންނަށް މިބަސް އުނގަންނައިދީގެންކަން ޝާކިރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ކާނިވަލަކީ ވަރަށް ކާމިޔާބު ކާނިވަލެއް ކަމަށާއި، މިފަހަރުގެ މިކަނިވާގައިވެސް ސްކޫލް ދަރިވަރުންގެ ދިވަހިބަހަށް އޮންނަށް ޝައުޤާއި، ކުދިންގެ ހުނަރު ފެނިގެން ދިޔަކަމަށް ޝާކިރު ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް މަސައްކަތްކޮށްދިނުމުގެ ރޫޙް ބެލެވެރިންގެ ފަރާތުން ފެނިގެންދިޔަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި މިމުބާރާތް މިއަށްވުރެ ފުރިހަމަ ބޮޑެތި ބަދަލުތަކާއެކު ކުރިއަށް ގެންދަވަން ނިންމަވާފައިވާކަމަށްވެސް ޑިރެކްޓަރ ރޭޑިއޯ މުޙައްމަދު ޝާކިރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ކާނިވާ ބާއްވާއިރު އިރާދަކުރެއްވިއްޔާ އެތަންތަނުގައި ދިވެހިބަހާއި، އަދަބިއްޔާތާއި ގުޅޭ ފޮތްވެސް ގަންނަން ލިބޭނެ. އަޅުގަނޑުމެން ގުޅޭ ކަންތައްތައް އެންމެ މަތީ ފަންތީގައި ފޮތްވިއްކުމުގެ ކަންތައްތައް ކުރާ ފަރާތްތަކާ ގުޅިގެން އިންތިޒާމްކޮށް، އެފަރާތްތަކާއެކީ ރަށްރަށަށް ދާނީ. އަދި އެހެންމެ އެތަނުން ދިވެހި ބަހުގެ އަދަބިއްޔާތާއި ގުޅުން ނެތަސް ދިވެހި ކެއުމާއި، ދިވެހިންލާން އުޅުނު ހެދުމާއި ކެއުމާއި އެހެނިހެން ކަންތައްތައް ހުރި ގޮތް ފެންނަ ގޮތަށް ކާނިވާ ގެނެސްދޭނަން." ކުރިއަށްއޮތްތާނގައި ކާނިވާ ބާއްވާނެގޮތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ޝާކިރު ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14711701959801.jpg|އަދަބީ ކާނިވަލުގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިފަދަ އަދަބީ މުބާރާތެއް ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމުން ދިވެހިބަހަށް ލޯބިޖެހި، ކުރިން ނެގޭ ގިނަ ކަންތަކެއް މިމުބާރާތައް ތައްޔާރުވިއިރު އެގިގެންދިޔަކަމަށް ޕްރޮގްރާމްގައި ބައިވެރިވި ދަރިިވަރުން ބުންޏެވެ. އަދި ޤައުމީ ފެންވަރުގައި ބާއްވާ މިފަދަ މުބާރާތްތަކަށް ދިއުމަށް ބޮޑުއެހީއެއް އެކުދިނަށް ލިބުނު ކަމަކަށް މިމުބާރާތް ވެގެންދާނެކަމަށް ޕިއެސްއެމް ނިއުސްޓީމުން ވާހަކަދެއްކި ގިނަ ކުދިން ފާހަގަކުރިއެވެ.

ދިިވެހިރާއްޖެގެ އަޑުގެ އިސްނެގުމުގެމަތިން ޕީއެސްއެމުން އެންމެ ފުރަތަމަ މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގޭ ސްކޫލްތަކުގެ މެދުގައެވެ. އަދި އޭގެފަހުން ފުވައްމުލަކާއި، ތ. ވޭމަންޑޫގައިވެސް ވަނީ މިމުބާރާތް ކުރިއަށްގެން ގޮސްފައެވެ. މިމުބާރާތުގެ ސަބަބުން ދިވެހިބަހަށް ލޯބިކުރާ، ދިވެހި އަދަބިއްޔާތުގެ ކަންތައްތަކަށް ކުދިން ހިތްތައް އަށަގެންނެވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަން ފާހަގަކޮށްލެއްވެއެވެ.