ޚަބަރު

ސީޒަން ފެށުނު ފަހުން ސްޓާރލިން އާއި ޑިސާސީ ނުދެކެން: މަރެސްކާ


މި ސީޒަން ފެށުނު ފަހުން ޗެލްސީގެ ފޯވަޑް ރަހީމް ސްޓާރލިން އާއި އެކްސެލް ޑިސާސީ ނުފެންނަ ކަމަށް އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ޗެލްސީގެ ފުރަތަމަ ޓީމުގައި ކުރިން މި ދެ ކުޅުންތެރިން ހިމެނުނު ނަމަވެސް މިހާރު މި ދެ ކުޅުންތެރިންވެސް ފަރިތަކުރަމުންދަނީ ފުރަތަމަ ޓީމާއި ވަކިންނެވެ.

މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ސްޓާރލިން އާސެނަލް އަށް ކުޅުނު ނަމަވެސް ސީޒަން ނިމުމާއިއެކު އޭނާ އާސެނަލް އިން ވަނީ ދޫކޮށްލާފަ އެވެ.

އުމުރުން 30 އަހަރުގެ ސްޓާރލިން ހޯދުމަށް ޔުވެންޓަސްގެ އިތުރުން ޖަރުމަނުގެ ބެޔާ ލެވަކޫސަން އިން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ އާއިލާ އާއި ގާތުގައި ހުންނަން ބޭނުންވާކަމަށް ބުނެ އެ ކްލަބްތަކަށް ދާން ދެކޮޅު ހަދާފަ އެވެ. އަދި ޕްރިމިއާ ލީގުގެ އެހެން ކްލަބަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައިނުވަނީ މުސާރައިގެ ގޮތުގައި ހަފްތާއަކު އޭނާއަށް ދޭން ޖެހޭ 325 ހާސް ޕައުންޑާއި ހެދިކަމަށް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

ބްރެންޓްފޯޑް އާއި ދެކޮޅަށް މިރޭ ޗެލްސީ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނެފައިވަނީ މި ސީޒަނުގައި އަދި އެ ދެ ކުޅުންތެރިން ނުފެންނަ ކަމަށާއި އަލުން އަނބުރާ ފުރަތަމަ ޓީމަށް އެ ދެ ކުޅުންތެރިން ގެނައުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ.

"މި ސީޒަނުގައި އަހަރެން އަދި އެ ދެ ކުޅުންތެރިން ނުދެކެން. އަދި އެ ދެކުޅުންތެރިންވެސް ފަރިތަކުރަމުން ދަނީ ޓީމާއި ވަކިން." މަރެސްކާ ބުންޏެވެ.

"އެއީ އަދިވެސް ޗެލްސީގެ ކުޅުންތެރިން ނަމަވެސް މިވަގުތު އެ ދެ ކުޅުންތެރިން ފުރަތަމަ ޓީމަށް ގެނައުމުގެ ވިސްނުމެއް އަދި ނެތް." މަރެސްކާ އިތުރަށް ބުންޏެވެ.