ގަވާއިދާ ޚިލާފަށް ސިނގިރޭޓުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ މިއަދުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ފޭސް1ގެ ކަންނެލި ޖެޓީ ކައިރީ އިން މީހަކަށް ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުން ފެނުމުން އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާކަމަށެވެ.
އެމީހާއާއި އެމީހާ ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި، ދުންފަތާއި، ސިނގިރޭޓު ފިލްޓަރ އަދި ރިޒްލާ ފެނިފައިވާކަމަށާއި. އަދި އެމީހާގެ އަތުން 53،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި ސިނގިރޭޓު އަނބުރަން ބޭނުންކުރާ ބޮކްސްއެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެހެންކަމުން ގަވާއިދާ ޚިލާފަށް ސިނގިރޭޓު ވިޔަފާރި ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އެމްޑީ ސައްދާމް ހޮސައިން ކިޔާ މީހެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.