ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އިންޑިއާ މީހުން އިތުރުވާތީ އެޑްވައިޒަރީއެއް


  • ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށް ގާނޫނަށް ބޯލެނބުން އަންގާފައިވޭ

  • އަމިއްލަ ދަބަސް ފަދަ ތަކެއްޗަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ މީހުން އިތުރުވެފައި ވަނިކޮށް އެޤައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އެޑްވައިޒަރީއެއް ނެރެފިއެވެ. އެ ބިއުރޯއިން ވަނީ، މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެންސީބީން ނެރުނު "ހައި-ޕްރިއޮރިޓީ އެޑްވައިޒަރީ" ގައި ވަނީ، ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅު ޤާނޫނު އިތުރަށް ހަރުކަށިކޮށް މަރުގެ އަދަބު ވެސް ހިމަނާފައިވާކަން ފާހަގަކޮށްފައެވެ. ޤައުމެއްގެ ޤާނޫނު ނޭނގުމަކީ ކުށުން ބަރީއަވުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށާއި، އެހެންވެ ހަރުކަށި އަދަބުތަކުން ސަލާމަތްވުމަށް ޤާނޫނަށް ބޯލެނބުން މުހިންމު ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ނާކޮޓިކްސް ބިއުރޯއިން އިލްތިމާސްކޮށްފައިވަނީ ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ޙަވާލު ނުވުމަށެވެ. އަދި އެ މީހެއްގެ އަމިއްލަ ދަބަސްތަކާއި، ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު އިސްލާޙުކޮށްފައިވަނީ، މިދިޔަ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.

ބިލަށް ގެނައި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެ ކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުންނެވެ. އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.