ޚަބަރު

އެފްއައިވީބީ ލެވެލް 3 ހާސިލުކުރި ފުރަތަމަ ދިވެހި އަންހެން ކޯޗުގެ ޝަރަފު މުނާއަށް


އެފްއައިވީބީ ލެވެލް 3 ގެ ކޯޗިން ކޯސް ފުރިހަމަކުރި ފުރަތަމަ ދިވެހި އަންހެން ކޯޗުގެ ޝަރަފު މުނާ މުނީރު ހޯދައިފިއެވެ.

ނިމިގެންދިޔަ ގައުމީ ވޮލީބޯޅަ ލީގުގައި ޕޮލިސް ކުލަބުގެ ކޯޗުކަން ކުރި ތަޖުރިބާކާރު ކޯޗު މުނާ އެފްއައިވީބީ ލެވެލް 3 ފުރިހަމަކުރީ މި މަހުގެ 5 އިން 12 އަށް ޖޯޑަންގައެވެ.

ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވަނީ މުނާއަށް މި ފުރުސަތު ތަނަވަސް ކޮށްދެއްވިކަމަށްޓަކައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއަށް ޝުކުރު އަދާކޮށްފައެވެ.

ވީއޭއެމްއިން ބުނީ އެފްއައިވީބީ ލެވެލް 3 ހާސިލުކުރި ފުރަތަމަ ދިވެހި އަންހެން ކޯޗުގެ ޝަރަފު މުނާ ހޯދާފައިވާތީ މިއީ ވީީއޭއެމްއަށް ލިބުނު ފަޚުރެއް ކަމަށާއި، ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީ އެއްކަމަށެވެ. އަދި ކޯޗު މުނާގެ މި ކާމިޔާބީއަކީ އެހެން ކޯޗުންނާއި އެތުލީޓުންނަށް ލިބިގެންދާ ހިތްވަރެއް ކަމަށް އެސޯސިއޭޝަނުން ދެކޭކަމަށެވެ.

މުނާ ހޯދި މި ޝަރަފު ފާހަގަކޮށް ވީއޭއެމްއިން ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައިވާއިރު، ވީއޭއެމްއިން ވަނީ ކޯޗު މުނާއަށް އިތުރު ކާމިޔާބީއަށް އެދޭކަމަށް ބުނެ، އޭނާ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

މިއަހަރުގެ އޭޕްރީލް މަހު ނިމިގެންދިޔަ ގައުމީ ވޮލީ ލީގުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އަންހެން ޑިވިޝަނުގެ ލީގު ޗެމްޕިއަންކަން ހޯދި ޕޮލިސް ކުލަބުގެ ކޯޗު މުނާ ވަނީ އެ މުބާރާތުގައި ހޮވި އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައެވެ.

ދުވަސްތަކެއް ވަންދެން ވޮލީއާ ދުރުގައި ހުރުމަަށްފަހު 2022 ވަނަ އަހަރު އެނބުރި އައިސް ކުލަބު އީގަލްސްގެ ކޯޗުކަމާ ހަވާލުވި މުނާ ކޯޗުކޮށްދިން ޓީމުތަކުން ބައިވެރިވި މުބާރާތްތަކުގައި ވަނީ ރަނގަޅު ވާދައެއްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން ކޯޗުންގެ ނޮމިނޭޝަންސްގައިވެސް މުނާ ވަނީ ހިމެނިފައެވެ.