ދީން

ޙައްޖާޖީންނަށް ޑޮލަރު ގަންނަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިފި


ރާއްޖެއިން ހައްޖަށްދާ ކޮންމެ ޙައްޖާޖީއަކަށް، ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކް މެދުވެރިކޮށް ޑޮލަރު ގަންނަން ލިބޭނެ އިންތިޒާމް އިސްލާމިކް އެފެއަރޒް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ.

އިސްލާމިކް އެފެއަރޒް މިނިސްޓްރީން މިހާރު ވަނީ ހުރިހާ ޙައްޖާޖީންގެ މަޢުލޫމާތު އެމްއެމްއޭ މެދުވެރިކޮށް ބޭންކްތަކަށް ފޮނުއްވާފައެވެ. ކޮންމެ ޙައްޖު ޤްރޫޕެއްގެ ޙަވާލުގައި ހައްޖަށްދާ މީހެއްކަމުގައި ވިޔަސް އެ މީހަކު މިއަހަރު ޙައްޖަށްދާކަން ބަޔާންކޮށްފައިވާ ލިޔުމެއް ހިފައިގެން ދިއުމުން ބޭންކް އޮފް މޯލްޑިވްސްއިން 500 ޑޮލަރު އަދި އިސްލާމިކް ބޭންކުން 500 ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. ހައްޖު ކޯޕަރޭޝަން ހިމެނޭގޮތުން އަމިއްލަ ފަސް ޖަމާޢަތަކުން މިއަހަރު މީހުން ޙައްޖަށް ގެންދިޔުމަށް އިސްލާމިކް މީނިސްޓްރީން ކޯޓާ ދޫކުރައްވާފައިވެއެވެ.

img:http://s3.psmnews.mv/images/660x400/14599409261584.JPG|މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ / ހައްޖަށް ދާ މީހުންގެ މަޢުލޫމާތު އެމްއެމްއޭ މެދުވެރިކޮށް ވަނީ ބެންކްތަކަށް ފޮނުވާފައި

ޒަޢީމާ ޙައްޖު ގުރޫޕްގެ ޙަވާލުގައި މުޅިއެކު ދުއިސައްތަ މީހުން މިއަހަރު ޙައްޖަށް ދިއުމަށް ހަމަޖެހިފައިވެއެވެ. ސިސިލްފަރު ގްރޫޕްގެ ޙަވާލުގައި މުޅިއެކު ސަތޭކަ ނުވަދިހަ ތިން މީހަކު ޙައްޖަށް ދިޔުމަށް ހަމަޖެހިފައިވެއެވެ. އެކްރޯ ގްރޫޕާއި އަލް ޙަރްމައިންއާއި މިނާ ގްރޫޕުންވެސް ކޮންމެ ގުރޫޕަކުން ދުއިސައްތަ މީހުން ހައްޖަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. 

ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިއަހަރު ދެހާސް ކޯޓާ ސަޢޫދީ ސަރުކާރުން ހަމަަޖައްސަވާދެއްވާފައިވާއިރު ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު އެއްހާސް މީހުން ޙައްޖަށް ދިޔުމަށް ވަނީ ހަމަޖެހިފައިވެއެވެ.