ޚަބަރު

‎ވިލާތުގެ ބާރުތަކުގެ ވޯޓާ އެކު ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމުގެ ޤަރާރަށް ތާޢީދުކޮށްފި


ވިލާތުގެ ބާރުތަކުގެ ވޯޓާ އެކު ފަލަސްޠީނުގެ ދައުލަތެއް ބަލައިގަތުމުގެ ޤަރާރަށް ތާޢީދުކުރަން އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުން ނިންމައިފިއެވެ. އެ ޤަރާރަށް ތާޢީދުކުރަން އދގެ މެންބަރު 142 ޤައުމުން ވަނީ ވޯޓު ދީފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ ބާރުތަކުގެ ގޮތުގައި ބަލައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތާއި ޖަރުމަންވިލާތް ހިމެނެއެވެ. ދެކޮޅަށް ވޯޓު ދީފައި ވަނީ 10 ޤައުމުންނެވެ. އޭގެ ތެރޭގައި ޔަހޫދީ ދައުލަތާއި އެމެރިކާ ހިމެނެއެވެ. މީގެ އިތުރުން އެއްވެސް ކޮޅަކަށް ވޯޓު ނުދޭ 12 ޤައުމު ހިމެނެއެވެ.

ފަރަންސޭސިވިލާތާއި ސަޢުދީ ޢަރަބިއްޔާއިން ވަނީ ފަލަސްޠީނުގެ މައްސަލަ ޞުލްޙަވެރިކަމާއެކު ޙައްލުކުރުމާއި ދެ ދައުލަތުގެ ޙައްލު ތަންފީޒުކުރުމާ ގުޅޭ ޤަރާރުގެ ނަމުގައި އދގެ ޢާންމު މަޖިލީހަށް ޤަރާރެއް ހުށަހަޅައިފައެވެ. އެ ޤަރާރުގައި މައިގަނޑު ގޮތެއްގައި ހުށަހަޅަނީ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ބައިވެރިވުމެއް ނެތް ގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސުން ބާރު ދޫކޮށްލައި ހަތިޔާރު ބަހައްޓައި ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަށް ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުޞަތު ދިނުމަށް އެ ޤަރާރުގައި ހުށަހަޅާފައިވެއެވެ.

ޢަރަބި ލީގުން މި ޤަރާރަށް މީގެ ކުރިން ތާއީދުކޮށްފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި އދގެ މެންބަރު 17 ޤައުމަކުން އެ ޤަރާރުގައި ސޮއިކޮށްފައިވެއެވެ. މި ޤަރާރު ބަލައިގަންނަން ފާސްކޮށްފައި މި ވަނީ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އދގެ ޢާންމު ބައްދަލުވުމުގެ ކުރިންނެވެ. މި ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮން ވަނީ އިޢުލާނު ކުރައްވައިފައެވެ. އޭގެ އިތުރުން މޮލްޓާއާއި ކެނެޑާއާއި އިނގިރޭސިވިލާތާއި ބެލްޖިއަމުން ވެސް ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައެވެ.