އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ކުޑަކުދިންނަށް ޚާއްސަ ގިނަ ހަރަކާތްތަކާއެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. މި ހަވީރު ކުރިއަށްގެންގޮސްފައިވަނީ މާލޭ އުސްފަސްގަނޑު ސަރަޙައްދުގައެވެ.
މިހަވީރުގައި ޤާއިމްކޮށްފައިވާ ސްޓޯލްތައް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވަނީ ބައްލަވާލައްވާފައެވެ.
އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާ އިސްނަންގަވައިގެން ބޭއްވި މިހަވީރުގައި ސަރުކާރު ހިއްސާވާ 8 ކުންފުންޏަކުންވަނީ ބައިވެރިވެފައެވެ.
މާލެ ސިޓީ ކައުންސިލު
އެމްއެންޑީއެފް
ސްޓެލްކޯ
އެމްޓީސީސީ
އާރްޑީސީ
އެމްއޭސީއެލް
ފެނަކަ ކޯޕަރޭޝަން
އެފްޑީސީ
ކުޑަކުދިންގެ ހަވީރުގައި ވާހަކަފުޅު ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި އިންޖިނިއަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރައްވާނެކަމަށެވެ.
" ރާއްޖޭގެ ފުރަތަމަ އިންޖިނިއަރުންގެ ދުވަސްކަމަށްވާތީ މި ލިބޭ ތަރުޙީބު އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ސަރުކާރު އެސްއޯއީތަކާއި، އިދާރާތަކުން މިނިސްޓްރީއަށް ވަރަށް ބޮޑު އެއްބާރުލުމެއްދީގެން ފާހަގަކުރެވިގެން މިދަނީ. ކުރިއަށް އޮތްތަނުގައި މިއަށްވުރެ މާ ފުޅާކޮށް މާ ރަނގަޅަށް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވޭނެ". ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވިއެވެ.
ކުންފުނިތަކުން ކުރިއަށް ގެންދިޔަ ސްޓޯލްތަކުގައި އިންޖިނިއަރިންގެ އެކި ދާއިރާތަކާގުޅޭ މަސައްކަތްތައް ދައްކާލުމާއި ކުޑަކުދިން ޝައުޤުވެރިވާ ހަރަކާތްތައްވަނީ ކުރިއަށްގެންގޮސްފައެވެ. އަދި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ސްޓޯލްގައި އިންޖިނިއަރިންގެ ދާއިރާއާ ގުޅުންހުރި ގޭމްތަކާއި މަޢުލޫމާތު ހަވީރަށް ޒިޔާރަތްކުރި ކުޑަކުދިންނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ހަވީރުގައި ތުއްތު ކުދިންނާއެކު އާއިލާތަކުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންނަށް ހަދިޔާވެސް ވަނީ ބަހާފައެވެ.
އިންޖިނިއަރުންގެ ދުވަހާ ގުޅިގެން މިފަދަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މަޤްސަދަކީ އިންޖިނިއަރުން ކުރާ މަސައްކަތްތަކާއި، އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިވާ އައު ޖީލެއް އުފެދިގެންދިއުމަށް ބާރުއެޅުންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.