ޔަހޫދީ ފައުޖުން ޔަމަނަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 46އަށް އުފުލިއްޖެއެވެ. ޔަމަންގައި ވެރިކަން ކުރާ ޙޫޘީންގެ ސަރުކާރުން ބުނީ، ޢާންމުން ދިިރިއުޅޭ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ދެމުންދާ ޙަމަލާތަކުގައި 165އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ.
ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަމަންގެ ވެރިރަށް ޞަންޢާގެ އިތުރުން އުތުރުގައި އޮތް އަލް-ޖަވްފް ޕުރޮވިންސުގައި ޢާންމުން ދިރިއުޅޭ ރަށްތަކަށެވެ. މިއީ، އޮގަސްޓު 30ވަނަ ދުވަހު ޞަންޢާއަށް ބޮންއަޅައި، ޙޫޘީ ސަރުކާރުގެ ބޮޑުވަޒީރު ޝަހީދު ކޮށްލުމަށް ފަހު ޔަހޫދީން އެ ޤައުމަށް ދެމުންދާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. ބޮޑުވަޒީރު ޝަހީދު ކޮށްލުމަށް ދީފައިވާ ޙަމަލާގައި ސަރުކާރުގެ ބައެއް ވަޒީރުން ވެސް ޝަހީދު ކޮށްލާފައިވެއެވެ.
ޔަހޫދީން ޔަމަނަށް ބޮން އަޅަމުން ދަނީ، ބަދަލު ހިފުމުގެ ނަމުގައެވެ. ޙޫޘީ ޖަމާޢަތުން ވެސް ދަނީ ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި އެ ޖަމާޢަތުން ދަނީ ފަހުގެ، ޒަމާނީ މިސައިލް އަދި އަސްކަރީ ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަމުންނެވެ. ސެޕްޓެންބަރު 11ވަނަ ދުވަހު ވެސް ޙޫޘީން ވަނީ ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ބުނީ ޙޫޘީންގެ މިސައިލްތަކާއި ޑްރޯންތައް ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައެވެ.
ޒަޔަނިސްޓުންގެ ރަށްތަކަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅުވައެވެ. ޙޫޘީންގެ އަމާޒަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތަކާއި، ޣައްޒާގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމެވެ. އަދި، ބޭނުމަކީ، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމެވެ.