ޚަބަރު

މީޑިއާ ބިލަށް އިސްލާހު ހުށަހެޅީ ހައްޤުތައް ހިމާޔަތްވާނެގޮތަށް: ބަންޑާރަނައިބު


  • އިސްލާހުތަކާއެކު ބިލުގައި މާނަ ދޭހަނުވާގޮތަށް ހުރި ކަންކަން ތިލަވާނެ

  • މިހާރު ބިލު އޮތީ ކޮމިޓީ މަރުހަލާގައި

މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށައަޅާފައިވާނީ މީޑިއާއާއި އަދި އާންމު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރެވޭފަދަ ގޮތަކަށްކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން ފާޅުކުރެއްވި ޚިޔާލަކާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން ބަންޑާރަނައިބަށް އަމާޒުކުރައްވައި ހިއްސާކުރި ޕޯސްޓެއްގައިވަނީ ބިލެއް ޑްރާފްޓް ކުރުމުގެ ކުރިން ދިރާސާކުރުމާއި، ކަމާއި ގުޅުންހުރި ފަރާތްތަކާއި، ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މިބިލުގައި މާނަ ދޭހަނުވާ ގިނަ ކަންތައްތަކެއް ހުރިކަމަށް އޭނާވަނީ ބުނެފައެވެ.

މިކަމަށް ޖަވާބު ދެއްވަމުން ބަންޑާރަނައިބު އަލްއުސްތާޛް އަޙުމަދު އުޝާމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި މައްސަލަތަކެއް ހުރިކަން ގަބޫލުކުރައްވާކަމަށެވެ. އެހެންކަމުން މިބިލު ދިރާސާކުރެއްވުމަށްފަހު ސަރުކާރުގެ ފަރާތުން މިބިލަށް އިސްލާހުތަކެއް ހުށައަޅުއްވާފައިވާކަމަށެވެ.

ބަންޑާރަނައިބު ވިދާޅުވީ ކޮމިޓީ މަރުހަލާގައި ކަމާއިގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ބޭނުންވާނެކަމަށެވެ. ބަންޑާރަނައިބު އަޙުމަދު އުޝާމު ވިދާޅުވީ ބިލުގައި މާނަ ދޭހަނުވާގޮތަށް ހުރި ކަންކަން މާނަ ދޭހަވާގޮތަށް، ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުތަކުގައި ތިލަކޮށްދީފައިވާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ބަންޑާރަނައިބު ދެއްވީ އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސީލްކޮށް ހިމެނުއްވުމެވެ.

ސަރުކާރުގެ އަމާޒަކީ ހުށައަޅާ އިސްލާހުތަކާއިއެކު މީޑިއާއާއި އަދި އާންމު ރައްޔިތުންނަށްވެސް އެންމެ އެކަށީގެންވާ ގޮތަށް އެންމެންގެ ހައްގުތައް ހިމާޔަތްކުރެވޭނެގޮތަށް ބިލު ބައްޓަންކުރުން ކަމަށް ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ސަރުކާރުގެ މަޤުޞަދަކަށްވަނީ ޤާނޫނު އަސާސީއާއި ޤާނޫނީ ތަރަހައިގެތެރެއިން ނޫސްވެރިކަންކޮށް މަޢުލޫމާތު ފޯރުކޮށްދިނުންކަމަށެވެ. މި އިސްލާހުތަކާ އެއްގޮތަށް ފާސްވެއްޖެނަމަ، ނޫސްވެރިންގެ ހުރިހާ ޝަކުވާތަކަށް ޙައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވޭނެކަމަށް ބަންޑާރަނައިބު އަޙުމަދު އުޝާމް ވިދާޅުވިއެވެ. މިޑިއާތައް ރެގިއުލޭޓުކުރުމާ ގުޅޭ ބިލަށް ސަރުކާރުން އިސްލާހު ހުށައަޅާފަވާއިރު، މިހާރު އެ ބިލު އޮތީ ކޮމިޓީ މަރުހަލާގައެވެ.