އަފްޣާނިސްތާނުގެ ބިންހެލުމުގައި ގެދޮރުގެއްލުނު އެތައް ހާސް ބަޔަކަށް މިހާރުން މިހާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފައިސާ ބޭނުންވާކަމަށް އދއިން ބުނެފިއެވެ.
އދގެ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފީސް (އައިއޯއެމް)އިން ވަނީ އެ ބިންހެލުމުގައި ގެދޮރުގެއްލިފައިވާ 134،000 އެއްހާ މީހުންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 16.8 މިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށް ބުނެފައެވެ.
"އެތަކެއް އާއިލާތަކެއްގެ ހުރިހާ އެއްޗެއް ގެއްލި، މި ވަނީ މަގުމަތިވެފައި. އެކަށީގެންވާ ބޯހިޔާވަހިކަމެއް، ކާނާއެއް އަދި ސާފު ފެނެއް ނެތި،" އައިއޯއެމްގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އުގޯޗީ ޑެނިއަލްސް ވިދާޅުވިއެވެ.
އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި އަފްޣާނިސްތާނަށް އައި މި ބިންހެލުމަކީ ފާއިތުވި އަހަރުތަކުގައި އެ ޤައުމަށް އައިސްފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އެ ބިންހެލުމުގައި 2،200 އަށްވުރެ ގިނަ މީހުން މަރުވެ، 7،000 ގެއެއް ވަނީ ބިމާ ހަމަވެފައެވެ. އަދި މި ބިންހެލުމުގެ އަސަރު ބައި މިލިއަނެއްހާ މީހުންނަށް ކޮށްފައިވާކަމަށް އައިއޯއެމުން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި، އަފްޣާނިސްތާނުގެ ފިނި މޫސުން ކުރިއަށް އޮތްއިރު، އަވަސް އެހީތެރިކަމެއް ނުލިބި، އެކަށީގެންވާ ބޯހިޔާވަހިކަމާއި އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިތިބި އެތައް ހާސް ބަޔަކަށް ޚާއްސަކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ނުރައްކަލުގެ ޙާލަތަށް ހުށަހެޅިގެންދާނެއެވެ.
ފަޤީރުކަމާއި ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ އަފްޣާނިސްތާނަށް ކުރިމަތިވާ މި ފަދަ ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން އެ ޤައުމުގެ ޙާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އދން ބުނީ ފަހުގެ ބިންހެލުން އައުމުގެ ކުރިން ވެސް އަފްޣަނިސްތާނުގެ އާބާދީގެ ދެބައިކުޅަ އެއްބައި، ނުވަތަ 40 މިލިޔަނަށްވުރެ ގިނަ މީހުންނަކީ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ މީހުން ކަމަށެވެ.