ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައި، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިން އިންޒާރަކީ ޤަތަރުގެ މިނިވަންކަމަށް އަރައިގަތުމުގެ ޒިންމާދާރުކަންކުޑަ ޢަމަލެއްގެ ގޮތުގައި ޤަތަރުގެ ސަރުކާރުން ސިފަކޮށްފިއެވެ.
ޙަމާސްގެ އިސްވެރިންނަށް އަމާޒުކޮށް ޔަހޫދީން ވަނީ ޤަޠަރުގެ ދައުޙާއަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އޭގެފަހުން ދެ ޤައުމުގެ މެދުގައި ދަނީ ހޫނު ބަހުގެ ޙަމަލާތަކެއް ބަދަލުކުރަމުންނެވެ.
ނަތަންޔާހޫ އިއްޔެ ވަނީ، ޙަމާސްގެ އިސްވެރިން ޤަތަރުން ބޭރުކޮށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައިފައެވެ. އަދި އެކަމާ ޤަތަރުން ދެކޮޅު ހަދައިފިނަމަ، އެކަން ޔަހޫދީން ނުކުމެ ކުރާނެކަމަށް ބުނެ ނަތަންޔާހޫ ވަނީ ޤަތަރަށް އިންޒާރުދީފައެވެ.
އެ އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޤަތަރުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ، ނަތަންޔާހޫގެ އެ އިންޒާރަކީ، ޤައުމެއްގެ މިނިވަންކަމާއި އިސްތިޤުލާލަށް އަރައިގަންނާނެ ކަމުގެ އިންޒާރެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޤަތަރުން ބުނީ، ޙަމާސްގެ އިސްވެރިން އެ ޤައުމުގައި ތިބީ، ޣައްޒާގައި އަލުން ސުލްޙަ ޤާއިމުކުރުމުގެ މަޝްވަރާތަކަށް ކަން ނަތަންޔާހޫއަށް އެނގޭނެ ކަމަށެވެ. އަދި އެއީ މި މަޝްވަރާތަކުގައި މެދުވެރިއެއްގެ ދަޢުރު އަދާކޮށްދިނުމަށް އެމެރިކާ އާއި އިސްރާއީލުން އެދިގެން ކުރަމުންދާ މަސައްކަތުގެ އޮނިގަނޑުގެ ތެރެއިން ޙަމާސް އާއެކު ކުރިއަށްދިޔަ ބައްދަލުވުމެއް ކަމަށެވެ.
އަދި ޙަމާސްގެ އިސްވެރިންނާއެކު މަޝްވަރާތައް ކުރިއަށްދަނީ، އެމެރިކާ އާއި އިސްރާއީލުގެ މަންދޫބުންގެ ހާޒިރުގައި، ހާމަކަން ބޮޑުގޮތެއްގައި ކަމަށްވާއިރު، ޤަތަރުން ސިއްރިއްޔާތުގައި ޙަމާސްއާއެކު މަޝްވަރާތައް ބާއްވަމުންދާކަމަށް ދޭހަވާ ގޮތަށް ނަތަންޔާހޫ ވާހަކަ ދެއްކުމަކީ، ޤަތަރަށް ދިން ޙަމަލާ ދިފާޢުކުރަން ދެއްކި ބަހަނާއެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
ޔަހޫދީން މަސައްކަތްކޮށްފައި ވަނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލް އަލް-ޙައްޔަ ޝަހީދުކޮށްލުމަށެވެ. އޭނާއަކީ އީރާނާ ގާތް ގުޅުމެއް ބާއްވަވައި ބޭފުޅެކެވެ. އަދި ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް ޙަމަލާގައި އޭނާ ސަލާމަތްވެވަޑައިގަންނަވާފައިވާ ކަން ޙަމާސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޤަޠަރުން މިހާރު ވަނީ ޒަޔަނިސްޓު އިސްރާއީލާއި ޙަމާސްއާ ދެމެދު ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރުމުގައި އެ ޤައުމުން ޢަދާކުރަމުން ދިޔަ ދައުރު މެދުކަނޑާލާފައިވާ ކަމަށް ބުނެފައެވެ.