ރާއްޖޭގައި ފަތްކެޔޮ އުފެއްދުން އިތުރުކޮށް، އިމްޕޯޓް ކުރާ މިންވަރު މަދުކުރުމަށް އަމާޒުކޮށްގެން ސަރުކާރުން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ފަތްކެޔޮ އުފައްދާ މިންވަރު 50 އިންސައްތައަށް އިތުރުކުރުން ކަމަށެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކޮމިޓީތަކުން ޕްލޭނެއް އެކުލަވާލައި ހުށަހަޅަންޖެހެއެވެ.
މި ޕްލޭންގައި 500 ފަތްކެޔޮ އިންދުމަށް އެންމެ އެކަށޭނެ ސަރަަޙައްދުގެ ތަފްޞީލާއި (ސަރަޙައްދުގެ ބޮޑުމިން، ސަރަޙައްދު ފާހަގަކޮށްފައިވާ ޗާޓު)އަދި ފަތްކެޔޮ ދަނޑު ބެލެހެއްޓުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހިމަނަން ޖެހެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްޞީލުތައް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އާއްމުކޮށްފައެވެ.
މުޑުވަށް ފޯރުކޮށްދިނުން
ދަނޑަށް ބޭނުންވާ ގަސްކާނާ ފޯރުކޮށް ދިނުން
ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދިނުން
ފަތްކެޔޮ އިންދުމަށް އެކަށޭނެ ބިން ހޯދުން
ބިން ސާފުކުރުން
މުޑުވައް އިންދުމަށް ބޭނުންވާ ވަޅުތައް ކޮނުން
ހުށަހަޅާ ޕްލޭނާ އެއްގޮތަށް ދަނޑު ބެލެހެއްޓުން
ފަތުރުވެރިކަމުގެ ސިނާޢަތު ފުޅާވެ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުން ދިއުމާއެކު، ރާއްޖެއަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ދަށުން 2028 ވަނަ އަހަރުގެ ނިޔަލަށް އިމްޕޯޓްކުރާ ފަތްކޭލުގެ މިންވަރު 25 އިންސައްތައަށް ދަށްކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މި ޕްރޮގްރާމްގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގެ ދަނޑުބިންތަކުން ފަތްކޭލަށް ޚާއްޞަ ސަރަޙައްދުތަކެއް ކަނޑައެޅުމާއި، ފުވައްމުލަކުގައި ޤާއިމްކުރާ ޤައުމީ ލެބޯޓްރީ ފެސިލިޓީގައި ހިމެނޭ ޓިޝޫކަލްޗަރ ލެބޯޓްރީގައި ފަތްކޭލުގެ މުޑުވައް އުފައްދައި، ލުއި އަގެއްގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ފަތްކެޔޮ ހައްދަން ޝަޢުޤުވެރިވާ ދަނޑުވެރިންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، ފަތްކެޔޮ ނުވިކި ހަލާކުވާ މިންވަރު ދަށްކުރުމަށް ވެލިޔު އެޑް ކުރެވޭނެ ގޮތްތައް ތަޢާރަފްކުރުމަށްވެސް މި ޕްރޮގްރާމްގެ ދަށުން ވަނީ ރޭވިފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ (ޑަބްލިއު.ޑީ.ސީ) ގުޅިގެންނެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްރަށުގައި 500 ފަތްކެޔޮ އިންދުމަށް ވަނީ ހަމަޖެހިފައެވެ. ވުޒާރާއިން ފަތްކޭލުގެ މުޑުވައް، ގަސްކާނާ އަދި ޓެކްނިކަލް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ.
ފަތްކޭލަކީ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ހެއްދޭ، ރާއްޖޭގެ ދަނޑުވެރިން ޒަމާނުއްސުރެ ހައްދަމުން އަންނަ، އަދި ފަސޭހައިން ވިއްކާލެވޭ ބާވަތެއްކަން ފާހަގަކުރެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގައި އުފައްދާ ފަތްކޭލުގެ ފެންވަރު މަތިވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޑަބްލިއުޑީސީ ތަކުން 25 ސެޕްޓެންބަރު 2025 ވާ ބުރާްސްފަތި ދުވަހުގެ 14:00 ގެ ކުރިން ޕްލޭން ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ހިއްސާކުރަންޖެހެއެވެ.