ދުނިޔެ

އާއްމުން އެނބުރި މަންބަޖަށް ރުޖޫއަވާން ފަށައިފި


ސޫރިޔާގެ މަންބަޖް ސިޓީން ހަރުކަށި އައި.އެސް ޖަމާޢަތް ފައްސާލައި އެރަށް މިނިވަން ކުރުމާ ގުޅިގެން އެރަށުގެ އާންމު ރައްޔިތުންގެ އެތައްހާސް ބަޔަކު އެނބުރި އެރަށަށް ރުޖޫއަވާން ފަށައިފިއެވެ. އައިއެސް ޖަމާއަތް މަންބަޖުން ފައްސާލީ އެމެރިކާގެ އަސްކަރީ އެހީތެރިކަމާއެކު އެޖަމާޢަތާދެކޮޅަށް ހަނގުރާމަކުރަމުންދާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް)ޖަމާއަތުންނެވެ. 

މަންބަޖަށް މިހާރު އެނބުރި އަންނަނީ އައިއެސްގެ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އެރަށް ދޫކޮށް އެރަށުގެ ކައިރީގައިވާ ސަރަހައްދުތަކަށް ރެފިއުޖީންގެ ގޮތުގައި ދިޔަ އާންމުން ކަމަށާ އެމީހުން ހިނގާފައި އަދި ވެހިކަލްތަކުގައި އެރަށަށް އެނބުރި އަންނަމުންދާކަމަށް ޚަބަރުތައް ބުނެއެވެ. ސޫރިޔާގެ އުތުރުގެ ސިޓީއެއް ކަމަށްވާ މަންބަޖް މިނިވަން ކުރެވުމާއެކު ސޫރިޔާގެ އުތުރުގެ ސަރަހައްދުތަކުގައި އައިއެސްގެ ބާރުވަނީ ވަރަށްބޮޑަށް ކުޑަވެފައެވެ. 

މަންބަޖް ހިފައިގެން އޮތް ދުވަސްވަރު އައިއެސްގެ ހަނގުރާމަވެރިން ވަނީ އިންސާނީ އައްޑަނައެއްގެ ގޮތުގައި މަންބަޖްގެ ބައެއް އާއިލާތައް ބޭނުންކޮށް މަންބަޖްގެ އާންމުން މަރައި އެމީހުންނަށް ބޮޑެތި އަނިޔާތަކެއް ދީފައެވެ. ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސް.ޑީ.އެފް) ޖަމާއަތުން މަންބަޖް މިނިވަން ކޮށްފައިވަނީ ލޭ އޮހޮރުވުން ބޮޑުހަނގުރާމައަކަށްފަހު މިދިޔަ ހުކުރުދުވަހުއެވެ. 

މަންބަޖް މިނިވަން ކުރެވުމަކީ އައިއެސްގެ މައްޗަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް އެމެރިކާއިން ވަނީ ސިފަކޮށްފައެވެ.