ޚަބަރު

ދިވެހި ފުޓުބޯޅައިގައި ދިރުން ހުރިކަން ޤައުމީ ޓީމުން ސާބިތުކޮށްދީފި: ޠަލާލް


ވަރަށް ހިތްވަރާއެކު ސައުތު އޭޝިއަން ސުޕަ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކޮށް ދިވެހި ފުޓްބޯޅައިގައި ދިރުން ހުރިކަން ޤައުމީ ފުޓުބޯޅަ ޓީމުން ސާބިތުކޮށްދީފި ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޠަލާލް ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ އައު ޓީމުން ޤައުމީ ފުޓްބޯޅަ ޓީމަށް ގެނައި ބަދަލުތަކާއެކު ކުރި މަސައްކަތުން ފުޓްބޯޅައަކީ ދިވެހިންގެ ލެއާ ގުޅިފައިވާ ކުޅިވަރެއް ކަމުން މި ކުޅިވަރު ދިރުވުމަށް ކުޅުންތެރިން މަސައްކަތްކުރިތަން ފެނިއްޖެ ކަމަށެވެ.

ޠަލާލް ވިދާޅުވީ ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި އާދަޔާއި ހިލާފު ހިތްވަރެއް ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަކަމަށާއި، ދިވެހިން ބަލާހިތްވާ ކަހަލަ އަދި ދިވެހިން ބޭނުންވާ ކަހަލަ ގޭމެއް އެ މެޗުގައި ފެނިގެން ދިޔަ ކަމަށެވެ.

އަދި ފައިނަލް މެޗުގައިވެސް ފާހަގަވެގެން ދިޔައީ ދިވެހިންނަށް ފުޓްބޯޅައިން ތައްޓެއް ބޭނުންވާކަމާއި އެކަން ހާސިލު ކޮށްދިނުމަށް ކުޅުންތެރިން ކުރި މަސައްކަތް ކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ.

”ވަރަށް އަޅުގަނޑުމެންގެ މުސްތަޤްބަލު އުޖާލާކަމަށް މި ދެމެޗުން އެންމެންނަށް ފެނިގެން ދިޔަ. ފުރަތަމަ މެޗުގައި އަދި ވަކިން އާދަޔާއި ހިލާފު ރޫހެއް ކުޅުންތެރިންގެ ކިބައިން ފެނިގެން ދިޔަ“ކަމަށް ޠަލާލް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވި ފުޓްބޯޅައިގެ މުސްތަގުބަލު އުޖާލާކަން ސްރީލަންކާ އާއި ދެކޮޅަށް ރާއްޖެ ކުޅުނު ދެމެޗުން ފެނިގެން ދިޔަ ކަމަށާއި، ކުރިޔަށްއޮތްތަނުގައި ގައުމީ ޓީމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.