ޚަބަރު

ނިއުކްލިޔަރ މަރުކަޒުތައް ބަލައިފާސްކުރުމުގެ ޙުއްދަ އައިއޭއީއޭއަށް އީރާނުން ދީފި


‎އީރާންގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައިފާސްކުރުމުގެ ޙުއްދަ އދގ އެޓޮމިކް ހަކަތައާ ބެހޭ އިދާރާ، އައިއޭއީއަށް ދިނުމަށް އީރާނާއި އައިއޭއީއޭއިން އެއްބަސްވުމަކާ ހަމައަށް އައިސްފިއެވެ.

އީރާނުން ބަލައިފާސްކުރުމުގެ ޙުއްދަ ދީފައިވާ މަރުކަޒުތަކުގެ ތެރޭގައި މިދިޔަ ޖޫން މަހުގެ ތެރޭގައި އެމެރިކާއިން ބޮން އެޅި ދެ ނިއުކްލިޔަރ މަރުކަޒު ވެސް ހިމެނެއެވެ. އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އަޅާނަމަ އައިއޭއީއޭއިން އީރާނުގައި އިންސްޕެކްޝަންތައް ކުރިއަށް ގެންދިޔުމުގެ ފުރުޞަތު ނުދޭނެ ކަމުގެ އިންޒާރު އެ ޤައުމުން ވަނީ ދީފައެވެ.

އީރާނާއި އައިއޭއީއޭއިން އެއްބަސްވުމަކާ ހަމައަށް އައިސްފައި މި ވަނީ ދުނިޔޭގެ ބާރުތަކާއެކު 2015ވަނަ އަހަރު އީރާނުން ޤާއިމްކުރި ނިއުކްލިޔަރ އެއްބަަސްވުމުގެ ދަށުން އުވާލާފައިވާ ބައެއް ފިޔަވަޅުތައް އަލުން އީރާނާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރު ވިލާތުގެ ބައެއް ޤައުމުތަކުން ދެމުންދާ ދަނޑިވަޅެއްގައެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުން ފިޔަވަޅުތައް ރުޖޫޢަ ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށް ނުގެންދާނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތައް ބަލައިފާސްކުރުމުގެ ފުރުޞަތު އެ ޤައުމުން ދީފި ނަމަ ކަމަށް އެ ޤައުމުތަކުން ބުނެފައިވެއެވެ.

ޖޫން މަހުގެ ތެރޭގައި އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ޙަމަލާއާ ހަމައަށް އެ ޤައުމުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްއަށް ވީނުވީއެއް ނޭނގެއެވެ. ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ޙަމަލާ ދިނުމުން އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ އައިއޭއީއާއަށް އެއްބާރުލުން ދިނުން މެދުކަނޑައިލުމަށް ނިންމާފައެވެ. އެއްވެސް އިންސްޕެކްޝަނެއް ކުރިއަށް ގެންދެވޭނީ އެ ޤައުމުގެ އެންމެ މަތީ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ޙުއްދައާއެކު ކަމަށް އެ ޤައުމުން ވަނީ ނިންމައިފައެވެ.