ޚަބަރު

‎ކަނޑުއަޑީގެ އަސްކަރީ ޑްރޯން ފްލީޓެއް ޤާއިމުކުރަން އޮސްޓްރޭލިޔާއިން އެއް ބިލިޔަން ޑޮލަރު ޚަރަދުކުރަނީ


ކަނޑުއަޑީގެ ޑްރޯން ފްލީޓެއް ޤާއިމް ކުރުމަށް 1.1 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރާނެ ކަމަށް އޮސްޓްރޭލިޔާއިން އިޢުލާނުކޮށްފިއެވެ.

އޮސްޓްރޭލިޔާގެ ދިފާޢީ ބާރާއި އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އެންޑިއުރިލް އިންޑަސްޓްރީސްއިން އުފައްދާ މި ‘ގޯސްޓް ޝާކް’ ޑްރޯންއަކީ އޭގެ އަމިއްލަ ޒާތުގައި މަސައްކަތްކުރާ ޑްރޯންއެކެވެ. އޮސްޓްރޭލިޔާގެ ދިފާޢީ ވަޒީރު، ރިޗަޑް މާލްސް ވިދާޅުވީ ގޯސްޓް ޝާކުން އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ޤާބިލުކަން އިތުރުކޮށްދޭނެ ކަމަށެވެ.

އޮސްޓްރޭލިޔާއިން ބުނީ ގިނަ ޢަދަދެއްގެ ގޯސްޓް ޝާކް އޮސްޓްރޭލިޔާގައި ރާވާނެ ކަމަށާއި އޮސްޓްރޭލިޔާއަށް ވާގިވެރިވާ އެކުވެރި ޤައުމުތަކަށް އެ ޑްރޯން އެކްސްޕޯޓު ކުރުމުގެ ފުރުޞަތު އޮތް ކަމަށެވެ. ގޯސްޓް ޝާކް ޑްރޯންއަށް ޖާސޫސީ، ސާވެއިލަންސް އަދި ރިކޮނައިސަންސް ދިރާސާތައް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ކަމަށާއި އޮސްޓްރޭލިޔާ ބައްރާ ވަރަށް ދުރު ހިސާބުތަކުގައި ވެސް އެ ޑްރޯންއަށް ޙަމަލާ ދެވޭނެ ކަމަށް އެ ޤައުމުން ބުނެއެވެ. 2026ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ފުރަތަމަ ޑްރޯންތައް ޚިދުމަތަށް ނެރޭނެ ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.

މީގެ އިތުރުން 2030ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާއާ ގުޅިގެން ނިއުކްލިޔަރ ބޭނުންކުރާ ސަބްމެރިންތަކެއް ގަތުމަށް އޮސްޓްރޭލިޔާއިން ދަނީ ރާވަމުންނެވެ.