ޚަބަރު

މާލޭ ކަލެކްޝަން ސިސްޓަމް- ރައްކާތެރިގޮތުގައި ކުނި ނައްތާލެވޭނެ


ކޮންމެ ފަރުދަކީވެސް އެފަރުދަކު އުޅޭ ގޭބިސީތަކުގައި އުފެދޭ ކުންޏަށް ޒިންމާވާންޖެހޭ ފަރާތެކެވެ. އެހެންކަމުން ކުނި އުކާލާއިރުވެސް އެކުނި ރައްކާތެރި ގޮތުގައި އުކާލުމަށް ވިސްނަންޖެހެއެވެ. މިކަން މިހާރު ކުރެވެނީ އެންމެ ރަނގަޅު ގޮތަށް ނޫންކަމަށް ޤަބޫލުކުރަންޖެހެއެވެ. 

ބިދޭސީންނަށް ފައިސާދީގެން ކުނި އުކާލާއިރު ގިނަފަހަރު އެމީހުން ކުނި އުކާލަނީ އެއްވެސް ރައްކާތެރިކަމެއް ނެތިއެވެ. މިކަމަށް ޙައްލެއް ގެންނެވުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގައި ޤާއިމްކުރައްވާ ކަލެކްޝަން ސިސްޓަމްގެ ބޭނުންކުރައްވަން ފެއްޓެވުމުން، ރައްކާތެރިގޮތުގައި ކުނި އުކާލެވިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ސިސްޓަމް ފެށުމުން ޤަވައިދާ ހިލާފަށް ކުނި އުކާލާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14629011479952.jpg|މާލޭ މަގުތަކުގައި ކުނި - ފައިލް ފޮޓޯ: ޕީއެސްއެމް

އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތުދެއްވާ ގޮތުގައި މިސިސްޓަމަށް ބޭނުންވާނެ ތަކެތި ހޯއްދެވުމަށް އިޢުލާންކުރައްވައި، ބިޑްތައް އިވެލްއޭޓްކުރެއްވުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ކުރިޔަށް އޮތް ދެހަފްތާގެ ތެރޭގައި ބިޑްތައް އިވެލްއޭޓްކުރައްވައި، މި މަސައްކަތް ކޮންޓްރެކްޓަރަކާ ޙަވާލުކުރެވޭނެ ކަމަށާއި މިއަހަރުގެ ފަހުކޮޅު މި މަސައްކަތް ފެށޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ސިސްޓަމް ޤާއިމް ކުރެއްވުމުން ގޭބިސީތަކުން ކޮންމެވެސް ވަރެއްގެ އަގެއް ނެގޭނެކަމަށާއި އެހެންނަމަވެސް އެއީ މިހާރު ވެސް ކުނި އުކާލަން ހޭދަކުރާ މިންވަރަށް ވުރެ ކުޑަ މިންވަރެއްކަމަށް މިނިސްޓްރީން ހާމަކުރެއެވެ. 

ކުނި އުކާލާއިރުވެސް އުކާލާނީ ވަރަށް ރައްކާތެރި ގޮތުގައި ބަނދުކޮށްފައި ހުންނަ ލޮރީތަކާއި ތިން ފުރޮޅުލީ ސައިކަލްތަކެއްގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރެއްވުމުގެ ގޮތުން ކުރެއްވުމަށް ރާއްވަވާފައިވާ ކަންކަމުގެ ތެރޭގައި މާލޭގެ ކުނިއުފުލުގެ މަސައްކަތް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ބަދަލުކުރެއްވުން ހިމެނެއެވެ.